ކެމްޕޭނުގެ ތެރޭގައި ހަމަނުޖެހުންތައް އިތުރުވެ ސަލާމަތީ ކަންބޮޑުވުން އުފެދިއްޖެ

ބަނގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބުގެ ކެމްޕޭން ފޯރިއާއެކު ކުރިއަށްދާއިރު، ކެންޑިޑޭޓުންނާއި ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާއި އިންޒާރުތަކުގެ ސަބަބުން އިންތިޚާބީ މާހައުލުގެ ރައްކާތެރިކަމާމެދު ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިއްޖެ ކަމަށް އެ ގައުމުގެ މީޑިއާން ރިޕޯޓްކޮށްފިއެވެ.

ކެމްޕޭން ފެށުނީއްސުރެ އެކި ދާއިރާތަކުގައި ބަޑިޖެހުމާއި، ވަޅިން ހަމަލާދިނުމާއި، މުދަލަށް ގެއްލުންދިނުމުގެ އިތުރުން އެކި ފަރާތްތަކުގެ މެދުގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި ގިނަ ބަޔަކަށް އަނިޔާވެ، ބައެއް މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން، ވޯޓުލާ މަރުކަޒުތަކުގައި ހުރި ސީސީޓީވީ ކެމެރާތަކާއި، ކެމްޕޭން އޮފީސްތަކާއި އުޅަނދުފަހަރަށް ގެއްލުންދީ ވައްކަންކުރުމުގެ ހާދިސާތައް ވެސް ވަނީ އިތުރުވެފައެވެ.

މަސްރަހު ގޯސްވަމުންދާތީ، ފުރާނައަށް ނުރައްކާވާ ފަދަ އިންޒާރުތައް ލިބެމުންދާ ކަމަށް ބުނެ ބައެއް ކެންޑިޑޭޓުން ވަނީ ފުލުހުންގެ ރައްކާތެރިކަމަށް އެދި ހުށަހަޅާފައެވެ.

"މިފަދަ ކަންކަން މިގޮތަށް ކުރިއަށްދާނަމަ، މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ނުބޭއްވޭނެ،" އެންސީޕީގެ ކެންޑިޑޭޓް ނާހިދު އިސްލާމް ވިދާޅުވި ކަމަށް ޑާކާ ޓްރިބިއުން ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

ރިޕޯޓްތައް ބުނާގޮތުން މދިިޔަ ހަފްތާގެ ހޯމަ ދުވަހުގެ ރެއިން ފެށިގެން ހިނގި ހަމަނުޖެހުންތަކުގައި 24 މީހަކަށް އަނިޔާވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ބަނގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އާއި ޖަމާއަތޭ އިސްލާމީގެ މަސައްކަތްތެރިންނެވެ. އަދި ޖެނުއަރީ 22 ވަނަ ދުވަހު ބަޑިޖަހައި އަނިޔާކުރި ބީއެންޕީގެ އިސް މެންބަރަކު ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ވަނީ މަރުވެފައެވެ.

ފެބްރުއަރީ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބާ ދިމާކޮށް ސިޔާސީ މަސްރަހު ނުތަނަވަސްވެފައިވާއިރު، އަންހެން ކެންޑިޑޭޓުންނަށް ކުރިމަތިވާ ބިރުދެއްކުންތަކާއި ހުރަސްތައް ވެސް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. ކެންޑިޑޭޓުން ގޮވާލަމުންދަނީ ހަމަނުޖެހުން ހިންގުން ހުއްޓާލައި، ސިޔާސީ ތަފާތު ޚިޔާލުތަކަށް އިހުތިރާމް ކުރުމަށެވެ.

ހިއްސާ ކުރައްވާ!