ބަޣުދާދު އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައި އެމެރިކާިއން ބަނޑަހަ ޖަހައިގެން ތިބި ވިކްޓްރީ ބޭސްއިން އެމެރިކާ އާއި ނޭޓޯގެ ހުރިހާ ސިފައިން ބޭރުކޮށްލާފައިވާ ކަމަށް އިރާގުގެ ރެސިސްޓެންސް ގްރޫޕެއް ކަމަށްވާ "ސަރާޔާ އައުލިޔާ އުއްދަމް" އިން މިއަދު އިއުލާންކޮށްފިއެވެ.
އެ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރެސިސްޓެންސް ފައުޖުތަކުން ދެމުންދިޔަ ވަރުގަދަ ހަމަލާތަކުގެ ސަބަބުން، އެމެރިކާ އާއި ނޭޓޯގެ ސިފައިންނަށް އެ އަސްކަރީ މަރުކަޒު ދޫކޮށް ފިލައިގެން ދާން މަޖުބޫރުވެފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ތިބި ހުރިހާ ސިފައިން މިހާރު ވަނީ ޖޯޑަންއަށް ބަދަލުކޮށްފައި ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ހަރަކާތަކީ އިރާގުގެ ފަސްގަނޑުން ބޭރުގެ ސިފައިން ބޭރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު ކާމިޔާބީއެއްގެ ގޮތުގައި އެ ގްރޫޕުން ސިފަކުރެއެވެ.
ވިކްޓްރީ ބޭސްއަކީ ބަޣުދާދުގައި ބޭރުގެ ސިފައިން ބޭނުންކުރަމުންދިޔަ މުހިންމު އަސްކަރީ މަރުކަޒެކެވެ.
މިކަމާ ގުޅޭގޮތުން އެމެރިކާގެ ސިފައިން ނުވަތަ ނޭޓޯއިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ފަހަކަށް އައިސް އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ދެވޭ ހަމަލާތައް ވަނީ އިތުރުވެފައެވެ.
މިއީ އީރާނުން ދެމުންދާ ހަމަލަތަކުން ހިތްވަރު ލިބިގެން މި ފަރާތްތަކުން ކޮށްފައިވާ ކަމެކެވެ.

