ފްރާންސްގެ ފުޓްބޯޅަ ލެޖެންޑް ޒައިނުއްދީން ޒިދާން، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު ފްރާންސްގެ ގައުމީ ޓީމާ ހަވާލުވުމަށް ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އީއެސްޕީއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށްފަހު ފްރާންސްގެ ކޯޗުކަމާ ހަވާލުވުމަށް ޒިދާން ވަނީ އެ ގައުމުގެ ފުޓްބޯޅަ އިދާރާއާއެކު އަނގަބަހުން އެއްބަސްވުމަކަށް އައިސްފައެވެ. މިއީ 2021 ވަނަ އަހަރު ރެއާލް މެޑްރިޑްގެ ކޯޗުކަމުން ވަކިވި ފަހުން ޒިދާން އެންމެ އިންތިޒާރު ކުރަމުން އައި މަގާމެވެ.
ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ލީގުތަކުގެ މަޝްހޫރު ކްލަބްތަކުން ޒިދާނަށް ގިނަ ހުށަހެޅުންތަކެއް ލިބުނު ނަމަވެސް، އޭނާ ވަނީ އެ ހުރިހާ ހުށަހެޅުންތަކަކަށް ވެސް ނޫނެކޭ ބުނެފައެވެ. ބެލެވޭ ގޮތުގައި އޭނާ އެ ހުރިހާ ހުށަހެޅުމެއް ދޫކޮށްލީ ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަން ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރުމުގެ ގޮތުންނެވެ.
ފްރާންސްގެ މިހާރުގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް ވަނީ 2026 ގެ ވޯލްޑް ކަޕަށްފަހު މަގާމުން ވަކިވާނެކަން އިއުލާނުކޮށްފައެވެ. 2012 ވަނަ އަހަރުން ފެށިގެން ފްރާންސްގެ ޓީމަށް އިރުޝާދުދެމުން އަންނަ ޑިޝޯމްޕް ވަނީ އެ ގައުމަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފައެވެ.
ޑިޝޯމްޕްގެ އިރުޝާދުގެ ދަށުން ފްރާންސް ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށް، 2021 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލަށް އެ ގައުމު ގެންގޮސްދީފައިވާއިރު، އެ މުބާރާތުގެ ތަށި ގެއްލުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ޒިދާން ފްރާންސްގެ ޓީމާ ހަވާލުވުމަކީ އެ ގައުމުގެ ފުޓްބޯޅަ ސަޕޯޓަރުން ވަރަށް ބޮޑަށް އުންމީދު ކުރަމުން އަންނަ ކަމެކެވެ. ޒިދާނަކީ ކުޅުންތެރިއެއްގެ ގޮތުގައި ފްރާންސަށް 1998 ގެ ވޯލްޑް ކަޕް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ލެޖެންޑެކެވެ.





