ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާ ދެކޮޅަށް ކުޅޭ މުހިންމު މެޗަށް ނެގި ލިވަޕޫލްގެ ސްކޮޑުގައި، އެ ކްލަބުގެ ތާރީޚުގައި ގެނައި އެންމެ އަގުބޮޑު ކުޅުންތެރިޔާ ސްވިޑަންގެ ފޯވާޑް އަލެކްސެންޑަރ އިސާކް ހިމެނިއްޖެއެވެ.
އިސާކް ޓީމުގެ ސްކޮޑަށް އެނބުރި އައިސްފައިވަނީ ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ކުރި އޮޕަރޭޝަނަށްފަހު ކުޅުމާ ދުރުގައި ހުރުމަށްފަހުއެވެ. އޭނާއަށް މި އަނިޔާ ލިބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޓޮޓެނަމް ހޮޓްސްޕާ އާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

ލިވަޕޫލާ ގާތް ގުޅުންތަކެއް އޮންނަ ނޫސްވެރިން ރިޕޯޓްކުރާ ގޮތުގައި، އޭޕްރީލް މަހު ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗުގައި ކޯޗު އާނޭ ސްލޮޓަށް އިސާކް ބޭނުންކުރުމުގެ ފުރުސަތު އޮންނާނެއެވެ. އަދި މިހާރު ކުރިއަށްދާ މާޗު މަހުގެ ބައިނަލްއަގުވާމީ ބްރޭކަށްފަހު އޭނާ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާނެ ކަމަށް މަސްދަރުތަކުން ބުނެއެވެ.
އަލެކްސެންޑަރ އިސާކް ލިވަޕޫލާ ގުޅުނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ނިއުކާސަލް ޔުނައިޓެޑުންނެވެ. އޭނާ ހޯދުމަށް ލިވަޕޫލުން ވަނީ ރެކޯޑް އަދަދެއް ކަމަށްވާ 144 މިލިއަން ޔޫރޯ ޚަރަދުކޮށްފައެވެ.
ސީޒަނުގެ އެންމެ މުހިންމު ދަނޑިވަޅާ ކުރިމަތިލާއިރު، ލިވަޕޫލަށް އޮތީ ވަރަށް ބާރުބޮޑު ތާވަލެކެވެ. އެގޮތުން އޭޕްރީލް 4 ވަނަ ދުވަހު އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ނުކުންނާނެއެވެ.
އޭގެ ފަހުން ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުމަށް ފްރާންސަށް ދަތުރުކުރާނެއެވެ. އަދި އޭޕްރީލް 11 ގައި އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމްއާ ދެކޮޅަށް ކުޅުމަށްފަހު، އޭޕްރީލް 14 ގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނެއެވެ.




