ބޮލީވުޑްގެ ސުޕަސްޓާ އަކްޝޭ ކުމާރު، މިހާރު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ރަންވީރު ސިންގްގެ ފިލްމު "ދުރަންދަރު" އަށް ތައުރީފުކޮށްފިއެވެ. އަކްޝޭ ބުނި ގޮތުގައި އެ ފިލްމަކީ ބޮޑެތި މީހުންނަށް ކަމުދާނެ މޮޅު ފިލްމެއް ނަމަވެސް، އޭނާގެ ކުރިއަށް އޮތް ފިލްމު "ބޫތު ބަންގްލާ" އަކީ ކުޑަކުދިންނާއި މުޅި އާއިލާއަށް އެކުގައި ބަލާލެވޭނެ މަޖާ ފިލްމެކެވެ.
އަދިތްޔާ ދާރްގެ ސްޕައި ޑްރާމާ "ދުރަންދަރު: ދަ ރިވެންޖް" ރިލީޒްކުރިތާ ހަތަރު ދުވަސް ތެރޭގައި ވަނީ 761 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދާފައެވެ. މި ފިލްމު ވަރަށް އަވަހަށް 1،000 ކްރޯޑްގެ ކްލަބަށް ވަންނާނެ ކަމަށް ބެލެވޭއިރު، އަކްޝޭ ބުނީ އޭނާ ވެސް އެ ފިލްމު ބަލާފައިވާ ކަމަށާއި އެއީ ވަރަށް މޮޅު އުފެއްދުމެއް ކަމަށެވެ.

އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ސިނަމާތަކަށް އަންނަ "ބޫތު ބަންގްލާ" އަކީ ހޮރޯ-ކޮމެޑީއެކެވެ. މި ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަމުން އަކްޝޭ ބުނީ، މިހާރު ބޮކްސް އޮފީހުގައި އެކްޝަން އަދި އަނިޔާވެރި މަންޒަރުތައް ހިމެނޭ ފިލްމުތައް ރާޅެއް ފަދައިން ކުރިއަރަމުން ދިޔަ ނަމަވެސް، އޭނާ ފިލްމު އުފެއްދުމުގައި ޓްރެންޑަށް ނުބަލާ ކަމަށެވެ. "އަހަރެމެން މި ފިލްމު އުފެއްދިއިރު ބެލީ ވާހަކަ ރަނގަޅުތޯ. ޓްރެންޑަކަށް ނުބަލަން،" އަކްޝޭ އިންޓަވިއުއެއްގައި ބުންޏެވެ.
މި ފިލްމުގެ ޑައިރެކްޓަރު ޕްރިޔަދަރްޝަން ބުނީ "ދުރަންދަރު" ފަދަ ސީރިއަސް ފިލްމުތައް ބަލާ ބެލުންތެރިންނަށް ވެސް ބްރޭކެއް ބޭނުންވާނެ ކަމަށެވެ. އޭނާ ފާހަގަކުރި ގޮތުގައި އާއިލީ ފިލްމުތަކަކީ ހުރިހާ އުމުރެއްގެ މީހުންނަށް ބަލާލެވޭނެ އެއްޗަކަށް ވާތީ، އެފަދަ ފިލްމުތަކަށް އޮންނަ ތަރުހީބު ބޮޑުވާނެއެވެ.
ޕްރިޔަދަރްޝަން އިތުރަށް ބުނީ އޭނާގެ ފިލްމުތަކުގައި ދުވަހަކުވެސް ބަދުއަހުލާގީ އަމަލުތަކެއް ނުވަތަ ދެ މާނަ އެކުލެވޭ ފަދަ ހަޑި ހުތުރު ވާހަކަތަކެއް ބޭނުން ނުކުރާނެ ކަމަށެވެ. "ކޮންމެ ބެލެނިވެރިއަކަށް ވެސް ފަހުރުވެރިކަމާއެކު ދަރިން ގޮވައިގެން އަހަރެންގެ ފިލްމު ބަލަން އާދެވޭނެ. އަހަރެން ބެލެނިވެރިން ލަދުގަންނާނެ ފަދަ ކަމެއް ނުކުރާނަން،" އޭނާ ބުންޏެވެ.
އަކްޝޭ އާއި ޕްރިޔަދަރްޝަން ވަނީ މީގެ ކުރިން "ހީރާ ފޭރީ"، "ގަރަމް މަސާލާ" އަދި "ބޫލް ބުލައްޔާ" ފަދަ ކާމިޔާބު ފިލްމުތަކެއްގައި މަސައްކަތް ކޮށްފައެވެ. "ބޫތު ބަންގްލާ" ގެ އިތުރުން މި ދެމީހުންގެ ކުރިއަށް އޮތް ފިލްމު "ހައިވާން" ގެ މަސައްކަތް ވެސް މިހާރު ވަނީ ނިންމާލާފައެވެ.




