އިސްރާއީލުގެ މީޑިއާއިން ބުނަނީ މި ހަފުތާ ބަންދުގައި އެމެރިކާ އާއި އީރާނުގެ އިސް އޮފިޝަލުންގެ ބައްދަލުވުމެއް އިސްލާމްއާބާދުގައި އޮވެދާނެ ކަމަށެވެ.
ބްރިޓިޝް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ މީޑިއާއާ ގުޅުންހުރި ނޫސްވެރިއަކު އެކްސްގައި ކުރި ޕޯސްޓެއްގައި އިސްރާއީލުގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވަނީ، އެމެރިކާ އާއި އީރާނާ ދެމެދު ކުރެވޭ މަޝްވަރާތައް މި ހަފުތާ ބަންދުގައި އިސްލާމްއާބާދުގައި އޮވެދާނެ ކަމަށެވެ. މި ބައްދަލުވުމުގައި އީރާނުގެ ފަރާތުން ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް އާއި އެހެނިހެން އޮފިޝަލުން ބައިވެރިވާއިރު، އެމެރިކާގެ ފަރާތުން ސްޓީވް ވިޓްކޮފް، ޖެރާޑް ކުޝްނަރ އަދި ނައިބު ރައީސް ޖޭޑީވެންސް ބައިވެރިވާނެ ކަމަށް ބެލެވެއެވެ.

އެ ނޫސްވެރިޔާ އިތުރަށް ބުނެފައިވަނީ މަސްރަޙު ފިނިކުރުމަށްޓަކައި ތުރުކީ، ޕާކިސްތާން އަދި މިޞްރުގެ އޮފިޝަލުން އެމެރިކާ އާއި އީރާނާ ދެމެދު މެސެޖުތައް ބަދަލުކުރަމުންދާ ކަމަށެވެ.
އެމެރިކާގެ ނޫސްވެރިޔާ ބުނި ގޮތުގައި މިޞްރާއި ޕާކިސްތާނުގެ އިސް އޮފިޝަލުން ވަނީ ސްޓީވް ވިޓްކޮފް އާއި އައްބާސް އަރާގްޗީއާ ވަކިވަކިން ވާހަކަދައްކަވާފައެވެ.
އެފަރާތްތަކުން މެދުވެރިއެއްގެ ދައުރު އަދާކުރުން ކުރިއަށްދާއިރު، ކުރިއެރުންތަކެއް ލިބެމުންދާ ކަމަށާއި، މި ވާހަކަތަކަކީ ހަނގުރާމަ ހުއްޓާލުމަށާއި ހައްލުނުވެ ހުރި ހުރިހާ މައްސަލަތަކާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކެއް ކަމަށްވެސް އޭނާ ބުންޏެވެ. އެމެރިކާގެ މަސްދަރުތަކުން ބުނާ ގޮތުގައި ވަރަށް އަވަހަށް ޖަވާބުތަކެއް ލިބޭނެ ކަމަށް އުންމީދު ކުރެވެއެވެ.
ރޮއިޓާސްއިން ޕާކިސްތާނުގެ އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ އެމެރިކާގެ ނައިބު ރައީސް ޖޭޑީވެންސް އާއި، ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް އަދި ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރާޑް ކުޝްނަރ އިސްލާމްއާބާދުގައި އީރާނުގެ އޮފިޝަލުންނާ ބައްދަލުކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ މިކަމާ ގުޅޭ މެސެޖުތަކެއް މިހާރު ލިބިފައިވާ ކަމަށާއި ނަމަވެސް އީރާނުން އަދި އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށެވެ.
އަނެއްކޮޅުން، ޓްރަމްޕްގެ ވާހަކަތައް އީރާނުން ވަނީ ދޮގުކޮށްފައެވެ. އީރާނުން ބުނާ ގޮތުގައި މި ވާހަކަތަކުގެ ބޭނުމަކީ ހަކަތައިގެ އަގުތައް ދަށްކުރުމާއި، އެމެރިކާގެ އަސްކަރީ ރޭވުންތައް ތަންފީޒުކުރުމަށް ވަގުތު ހޯދުމެވެ.
އީރާނުގެ މީޑިއާން ރިޕޯޓްކުރާ ގޮތުގައި އެޤައުމުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތެހެރާނާއި ވޮޝިންޓަނާ ދެމެދު އެއްވެސް ކަހަލަ ސީދާ މަޝްވަރާއެއް ކުރިއަށް ގޮސްފައި ނުވާ ކަމަށެވެ.
އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނި ގޮތުގައި ރައީސް ޓްރަމްޕްގެ ބަޔާންތަކުގެ މަޤްޞަދަކީ ތެލުގެ އަގު ހެޔޮކުރުމާއި އަސްކަރީ މަޝްރޫޢުތަކަށް ވަގުތު ހޯދުމެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސަރަޙައްދުގެ ބައެއް ޤައުމުތަކުން މަސްރަޙު ފިނިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ބައެއް ހުށަހެޅުންތައް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ ހުރިހާ ހުށަހެޅުންތަކެއް އަމާޒުކުރަންޖެހޭނީ ވޮޝިންޓަނަށް ކަމަށާއި، އީރާނުގެ ޖަވާބަކީ ސާފު ޖަވާބެއް ކަމަށެވެ. އެއީ މި ހަނގުރާމަ ފެށި ފަރާތަކީ އީރާނު ނޫން ކަމެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އެހެން ބަޔާނެއްގައި ވިދާޅުވީ، ފާއިތުވި ދުވަސްތަކުގައި އެކުވެރި ޤައުމުތަކުން މެސެޖުތަކެއް ލިބިފައިވާ ކަމަށެވެ. އެ މެސެޖުތަކުން އެނގެނީ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން މަޝްވަރާއަށް އެދެމުންދާ ކަމެވެ. ނަމަވެސް އީރާނުން މިހާތަނަށް އެކަމަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.




