އެމެރިކާގެ ތެޔޮ ސާފުކުރާ މަރުކަޒެއްގައި ވަރުގަދަ ގޮވުމެއް

އެމެރިކާގެ ޓެކްސަސް ސްޓޭޓްގެ ޕޯޓް އާރތަރގައި ހުންނަ "ފެލޭރޯ" ތެޔޮ ސާފުކުރާ ކާރުޚާނާގައި ބާރުގަދަ ގޮވުމެއް ގޮވައި، އަލިފާން ރޯވެ ބޯދުންތައް އަރަން ފަށައިފިއެވެ.

ލޯކަލް ޗެނަލުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ސަރަހައްދަށް ވަރަށް ބާރުގަދަ އަޑެއް އިވިފައިވާއިރު، އެ އަޑުގެ ސަބަބުން ކައިރީގައި ހުރި ކާރުތަކުގެ ކުޑަދޮރުތަކުގެ ބިއްލޫރި ތަޅައިގެން ދިޔަ އެވެ.

އެ ސަރަހައްދުގެ މީހަކު އެ ޗެނަލަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، އެ ހިސާބުން މިހާރު ދުވަނީ ކުނިވެފައިވާ ބިހުން ދުވާ ކަހަލަ ވަހެކެވެ.

ޕޯޓް އާރތަރ ފަޔަރ ޑިޕާޓްމަންޓްގެ އެންޓޯނިއޯ މިޗެލް ވަނީ "ފެލޭރޯ" ގައި ހާދިސާއެއް ހިނގާފައިވާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް މިހާތަނަށް ލިބިފައިވަނީ ވަރަށް މަދު މައުލޫމާތެއްކަން އޭނާ ފާހަގަކުރެއެވެ.

ޕޯޓް އާރތަރގެ ފުލުހުންނާއި ފަޔަރ ޑިޕާޓްމަންޓުން ވަނީ ކުއްލި ނުރައްކަލުގެ އިންޒާރެއް ނެރެ، ސިޓީގެ ހުޅަނގު ފަރާތުގައި ދިރިއުޅޭ ރައްޔިތުން ގޭގައި މަޑުކުރުމަށް އިރުޝާދު ދީފައެވެ. އަދި މިހާތަނަށް އެއްވެސް ބަޔަކު އެ ސަރަހައްދުން ދިއުމަށް އަމުރުކޮށްފައި ނުވާކަން އެ ފަރާތްތަކުން ކަށަވަރުކޮށްދެއެވެ.

މީގެ އިތުރުން، ޓެކްސަސްގެ ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓުން ވަނީ ދުއްވާ އެއްޗެހި ދުއްވާ މީހުން އެ ސަރަހައްދަށް ނުދިއުމަށް އިލްތިމާސްކޮށްފައެވެ. މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!