ރަޝިޔާގެ ތެޔޮ ބަރުކޮށްގެން ދަތުރުކުރި ޓޭންކަރެއް އިންޑިއާއަށް ބަނދަރުކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އޮތް ބިރުވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، ރަޝިޔާގެ ތެޔޮ ބަރުކޮށްގެން ދަތުރުކުރި ޓޭންކަރެއް އާދީއްތަ ދުވަހު އިންޑިއާއަށް ބަނދަރުކޮށްފިއެވެ.

އިންޑިއާގެ މަންގަލޯ ރިފައިނަރީ އެންޑް ޕެޓްރޯކެމިކަލްސް ލިމިޓެޑް އިން ޗާޓަރުކޮށްގެން ދަތުރުކުރި "އެމްޓީ އެކުއާ ޓައިޓަން" ނަމަކަށް ކިޔާ މި ޓޭންކަރު މިހާރު އޮތީ މަންގަލޫރުގެ އައްސޭރިފަށުން ގާތްގަނޑަކަށް 10 ނޯޓިކަލް މޭލު ބޭރުގައި، އަރަބި ކަނޑުގައި ބަނދަރުކޮށްފައެވެ.

މި އުޅަނދު އިންޑިއާއަށް އައިސްފައި މިވަނީ ދުނިޔޭގެ ހަކަތައިގެ ބާޒާރުގެ އަގުތަކަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ވަގުތެއްގައެވެ. ޚާއްޞަކޮށް ސަޕްލައި ޗެއިންއަށް ހުރަސްތަކެއް ކުރިމަތިވެ، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަމުގެ ސަބަބުން ސާފުނުކުރާ ތެލާއި ހަކަތައިގެ ވަސީލަތްތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

މީގެ އިތުރުން، ހަމަ މިއަދުގެ ވަގުތެއްގައި އެމެރިކާގެ ޓެކްސަސް އިން ކައްކާ ގޭސް (އެލްޕީޖީ) ބަރުކޮށްގެން ދަތުރުކުރި ކާގޯ ބޯޓެއް ވެސް ވަނީ މަންގަލޫރުގެ ނިއު މަންގަލޯ ޕޯޓަށް ބަނދަރުކޮށްފައެވެ. މި ދެ އުޅަނދު އިންޑިއާއަށް ބަނދަރުކުރުމަކީ މި ދަނޑިވަޅުގައި އެ ގައުމުގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!