އެޕަލްގެ އުފެއްދުންތެރިކަން އިންޑިއާގައި: ދުނިޔޭގެ 25 އިންސައްތަ އައިފޯން މިހާރު އުފައްދަނީ އިންޑިއާގައި

ދުނިޔޭގެ ޓެކްނޮލޮޖީ ކުންފުނި އެޕަލްއިން ޗައިނާއަށް ބަރޯސާވުން ކުޑަކޮށް، އިންޑިއާގައި އައިފޯން އުފައްދާ މިންވަރު ބޮޑުތަނުން އިތުރުކޮށްފިއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025 ވަނަ އަހަރު އެޕަލްއިން އިންޑިއާގައި 55 މިލިއަން އައިފޯން އެސެމްބަލްކޮށްފައިވާއިރު، މިއީ އޭގެ ކުރީ އަހަރުގެ 36 މިލިއަން ފޯނާ އަޅާބަލާއިރު 53 އިންސައްތައިގެ ކުރިއެރުމެކެވެ.

މި ބަދަލާއެކު ދުނިޔޭގެ ބާޒާރަށް ނެރޭ ކޮންމެ ހަތަރު އައިފޯނަކުން އެއް ފޯނަކީ (ގާތްގަނޑަކަށް 25 އިންސައްތަ) މިހާރު އިންޑިއާގައި އުފައްދާ ފޯނުތަކެވެ. އެޕަލްއިން ވަނީ އެ ކުންފުނީގެ އެންމެ ފަހުގެ މޮޑެލްތައް ކަމަށްވާ އައިފޯން 17 ޕްރޯ އަދި ޕްރޯ މެކްސް ހިމެނޭހެން ހުރިހާ ރޭންޖެއްގެ ފޯނުތައް އިންޑިއާގައި އެސެމްބަލް ކުރަން ފަށާފައެވެ.

އެމެރިކާގެ ކުންފުނިތަކުން ޗައިނާ ދޫކޮށް އެހެން ގައުމުތަކަށް މިސްރާބު ޖަހާފައިވަނީ ދުނިޔޭގެ ޖިއޯޕޮލިޓިކަލް މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި ވިޔަފާރީގެ ނުތަނަވަސްކަމުގެ ސަބަބުންނެވެ. ޚާއްސަކޮށް ޑޮނަލްޑް ޓްރަމްޕްގެ "މޭކް އެމެރިކާ ގްރޭޓް އެގެއިން" ސިޔާސަތުގެ ދަށުން، އެމެރިކާގެ ސިނާއީ ބާރުވެރިކަން އަލުން ހޯދުމަށާއި ޗައިނާގެ ސަޕްލައި ޗެއިންތަކަށް ބަރޯސާވުން ކުޑަކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެ ކުރިން ރޭގަންގެ ޒަމާނުގައި އެމެރިކާގެ ކުންފުނިތަކުން ޚަރަދު ކުޑަކުރުމަށްޓަކައި ޗައިނާގައި ފެކްޓްރީތައް ގާއިމުކުރި ނަމަވެސް، އޭގެ ސަބަބުން އެމެރިކާގެ ސިނާއީ ބިންގާ ބަލިކަށިވެ، މެދުފަންތީގެ ވަޒީފާތަކަށް އަސަރުކޮށްފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިހާރު ފެންނަމުންދަނީ އެ ސިޔާސަތު ބަދަލުވެ، "ފްރެންޑް / ޝޯރިން" ނުވަތަ އެކުވެރި ގައުމުތަކަށް އުފެއްދުންތެރިކަން ބަދަލުކުރަމުންދާ މަންޒަރެވެ.

އިންޑިއާއަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަށްވުމުގެ އިތުރުން، އެ ގައުމުގައި އޮތް ޒުވާން މަސައްކަތްތެރިންގެ ބާރާއި، ސަރުކާރުން ދޭ އެކި ކަހަލަ އިނާޔަތްތަކުގެ ބޭނުން ހިފައި، މަތީ ފަންތީގެ އުފެއްދުންތެރިކަމުގެ މަރުކަޒަކަށް އެ ގައުމު ވަނީ ވެފައެވެ. އެޕަލް ފަދަ ބޮޑެތި ކުންފުނިތަކުން އިންޑިއާ އިޚްތިޔާރު ކުރަނީ މި ސަބަބުތަކަށްޓަކައެވެ.

ތާރީޚަށް ބަލާއިރު، ދެވަނަ ބޮޑު ހަނގުރާމައަށްފަހު މާޝަލް ޕްލޭންގެ ދަށުން ޔޫރަޕް އާރާދުކުރުމާއި، ޖަޕާނާއި އޭޝިއާގެ އެހެން ގައުމުތަކުގެ އިގްތިސާދު ކުރިއެރުވުމުގައި އެމެރިކާގެ އިންވެސްޓްމަންޓްތަކާއި ސިޔާސަތުތައް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. މިހާރު އިންޑިއާއަށް އަންނަމުންދާ ބަދަލަކީވެސް މިފަދަ ބޮޑު އިގްތިސާދީ ބަދަލެއްގެ ފެށުން ކަމަށް މުހައްލިލުން ދެކެއެވެ.

ހިއްސާ ކުރައްވާ!