ޕާކިސްތާނުގައި ދިރިއުޅޭ އުއިގޫރު މުސްލިމުން އީދު ފާހަގަކޮށް ސަގާފަތް ދިރުވުމަށް މަސައްކަތް ކުރަނީ

ޕާކިސްތާނުގެ ރާވަލްޕިންޑީގެ ކާރޫބާރޫ ބޮޑު ސަރަހައްދެއްގައި ހުރި ގެއެއްގެ ފުރާޅުމަތީގައި 100 އަށްވުރެ ގިނަ އުއިގޫރު މުސްލިމުން އެއްވެ، ފިތުރު އީދު ފާހަގަކޮށްފިއެވެ. މި ހަފުލާގައި ކުދިބޮޑު އެންމެން ބައިވެރިވިއިރު، ގިނަ ބަޔަކު ތިބީ އުއިގޫރު މީހުންގެ ސަގާފީ ތޮފި ކަމަށްވާ 'ޑޮޕާ' އަޅައިގެންނެވެ.

ޕާކިސްތާނުގައި އުޅޭ އުއިގޫރު މުޖުތަމައުގެ ލީޑަރު މުހައްމަދު އުމަރު ޚާން އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނީ، ކޮންމެ އަހަރަކުވެސް އުއިގޫރު ކުދިން އެއްތަނަކަށް އެއްކުރަނީ އެމީހުންގެ ސަގާފަތާއި މާދަރީ ބަހުރުވަ ދެމެހެއްޓުމުގެ މަގުސަދުގައި ކަމަށެވެ. ޕާކިސްތާނުގައި ގާތްގަނޑަކަށް 400 އާއި 500 އާ ދެމެދުގެ އަދަދަކަށް އުއިގޫރު އާއިލާތައް ދިރިއުޅެމުންދެއެވެ.

ޗައިނާގެ ޝިންޖިއާން ސަރަހައްދުގައި އުމަރުގެ 300 އެއްހާ ތިމާގެ މީހުން ތިބި ނަމަވެސް، ވޭތުވެދިޔަ 10 އަހަރު ދުވަހު އެމީހުންނާ އެއްވެސް ގުޅުމެއް ނެތް ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެންގެ ތިމާގެ މީހުން އެތަނުގައި ތިބީ އަނިޔާވެރިކަމުގެ ތެރޭގައި. ހަމައެކަނި އަޅުގަނޑުގެ މީހުންނެއް ނޫން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އުއިގޫރު މީހުންނަށްވެސް އެމީހުންގެ އާއިލާތަކާ ގުޅޭނެ ގޮތެއް ނެތް،" އުމަރު ކަންބޮޑުވުމާއެކު ފާހަގަކުރިއެވެ.

އދ. އިން 2022 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ އުއިގޫރު މުސްލިމުންނަށް ބޮޑެތި އަނިޔާތަކާއި، ދީނީ މިނިވަންކަން ހަނިކުރުމުގެ އަމަލުތައް ހިންގާކަމުގެ އިތުބާރު ހުރި ހެކިތައް އެބަހުރި ކަމަށެވެ. ނަމަވެސް ޗައިނާއިން މި ތުހުމަތުތައް އަބަދުވެސް ދޮގުކުރެއެވެ.

އުއިގޫރު އެކްޓިވިސްޓް އަމާނުﷲ ޚާން ބުނި ގޮތުގައި، ޕާކިސްތާނަށް އުފަންވާ އާ ޖީލުގެ ކުދިންނަށް އުއިގޫރު ބަސް އޮޅުންފިލި ނަމަވެސް، އެ ބަހުން ވާހަކަ ދައްކަން ނޭނގޭތީ އެއީ ބޮޑު ކަންބޮޑުވުމެކެވެ. އެހެންކަމުން، އެ ކުދިންނަށް ބަސް ދަސްކޮށްދިނުމަށް ސްކޫލެއް ގާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ދެކެއެވެ.

އުމަރު މީގެ ކުރިން އުއިގޫރު ކުދިންނަށް ޚާއްސަ ސްކޫލެއް ހުޅުވަން ކުރި މަސައްކަތް ކާމިޔާބު ނުވީ ކަމާބެހޭ ފަރާތްތަކުން އެކަން ހުއްޓުވުމުންނެވެ. އޭނާ ތުހުމަތު ކުރާ ގޮތުގައި އެކަމުގެ ފަހަތުގައި ވަނީ ޗައިނާގެ ނުފޫޒެވެ. މީގެ އިތުރުން، ފަގީރުކަމުގެ ސަބަބުން ގިނަ އުއިގޫރު ކުދިންނަށް ރަނގަޅު ތައުލީމެއް ހޯދުމަށްވެސް ވަނީ ހުރަސްތަކާ ކުރިމަތިވެފައެވެ.

ހިއްސާ ކުރައްވާ!