ސައުދީ-ޕާކިސްތާން ދިފާއީ އެއްބަސްވުމުގައި ތުރުކީ ބައިވެރިނުވާނެ ކަމަށް ބުނެފި

ސައުދީ އަރަބިއްޔާ އާއި ޕާކިސްތާނާ ދެމެދު އޮންނަ ދިފާއީ އެއްބަސްވުމުގައި ތުރުކީ ބައިވެރިވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ސައުދީ ސިފައިންގެ އިސް މަސްދަރަކުން ދޮގުކޮށްފިއެވެ. ހޮނިހިރު ދުވަހު ވާހަކަ ދެއްކެވި އެއް މަސްދަރުން ވިދާޅުވީ، ތިން ގައުމުގެ މެދުގައި ސަލާމަތީ އިއްތިހާދެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފެތުރިފައިވާ ރިޕޯޓްތަކަކީ ހަގީގަތެއް ނޫން ކަމަށެވެ.

އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން އެ މަސްދަރުން ވިދާޅުވީ، "ޕާކިސްތާނާއެކު އޮތް ދިފާއީ އެއްބަސްވުމުގައި ތުރުކީ ބައިވެރިއެއް ނުވާނެ" ކަމަށެވެ. އަދި މިއީ ހަމައެކަނި ސައުދީ އާއި ޕާކިސްތާނާ ދެމެދު އޮތް ބައިލެޓަރަލް ނުވަތަ ދެ ގައުމުގެ ދެމެދުގައިވާ އެއްބަސްވުމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެ އެއްބަސްވުން ދެމިއޮންނާނީ އެގޮތުގައި ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ގަލްފުގެ އޮފިޝަލަކު ވެސް ވަނީ މިކަން ކަށަވަރުކޮށްދެއްވައި، ރިޔާޒުން އަންކާރާއާއެކު ވަކިވަކިން ދިފާއީ ގުޅުންތައް ބޭއްވި ނަމަވެސް، ޕާކިސްތާނާއެކު އޮތް އެއްބަސްވުން ފުޅާކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.
މި ސާފުކުރުން ލިބިފައިވަނީ މެދުއިރުމަތީގެ މަސްރަހު ގޯސްވެފައިވާ ދަނޑިވަޅެއްގައި، ތިން ގައުމު ގުޅިގެން ބޮޑު ސަރަހައްދީ ބްލޮކެއް އުފައްދަން އުޅޭ ކަމަށް ހަފްތާތަކެއް ވަންދެން ޝައްކު ކުރެވިފައި ވަނިކޮށެވެ.

މިފަދަ އިއްތިހާދެއްގެ ވާހަކަތައް ގަދަވީ އިސްރާއީލުން ދޯހާއަށް ދިން ހަމަލާތަކާއި އޭގެ ފަހުން އީރާނުން ގަތަރުގައި ހުންނަ އެމެރިކާގެ މަރުކަޒަކަށް ދިން ހަމަލާތަކާ ގުޅިގެންނެވެ.
މިދިޔަ އަހަރު އިއުލާންކުރި ސައުދީ-ޕާކިސްތާން އެއްބަސްވުމަކީ ޕާކިސްތާނުގެ ނިއުކްލިއާ ގާބިލްކަމުގެ ސަބަބުން ސްޓްރެޓެޖިކް ގޮތުން ވަރަށް މުހިންމު އެއްބަސްވުމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކަޝްމީރުގެ މައްސަލައިގައި ޕާކިސްތާނާއި އިންޑިއާއާ ދެމެދު މިދިޔަ މެއި މަހު ހިނގި ހަމަނުޖެހުންތަކުގައި 70 އަށް ވުރެ ގިނަ މީހުން މަރުވިތާ މަސްތަކެއް ފަހުންނެވެ.
އިސްލާމްއާބާދާއި ނިއުދިއްލީއާ ދެމެދު އޮތް ނުތަނަވަސްކަން ކުޑަކުރުމުގައި ސައުދީ އަރަބިއްޔާއިން މުހިންމު ދައުރެއް އަދާކުރި ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ސައުދީ އަރަބިއްޔާއަކީ އިންޑިއާއަށް ތިންވަނައަށް އެންމެ ގިނައިން ތެޔޮ ފޯރުކޮށްދޭ ގައުމަށް ވާއިރު، ހަކަތައިގެ ދާއިރާއަކީ ދެ ގައުމުގެ ގުޅުމުގެ މައިގަނޑު އަސާސެވެ. އެހެންކަމުން، ސައުދީން މަސައްކަތް ކުރަމުންދަނީ ދެކުނު އޭޝިއާގެ ދެ ބާރުގެ މެދުގައި އޮންނަ ގުޅުން ހަމަހަމަކޮށް ބެލެހެއްޓުމަށެވެ.

ހިއްސާ ކުރައްވާ!