ލާރިޖާނީ އަވަހާރަކޮށްލުމާ ގުޅިގެން އީރާނުގެ ސަލާމަތީ މަޖިލީހުގެ އާ ސެކްރެޓަރީއަކަށް މުޙައްމަދު ބާޤިރު ޛުލްޤަދަރު

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ އައު ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މުޙައްމަދު ބާޤިރު ޛުލްޤަދަރު އައްޔަންކޮށްފިއެވެ. އޭނާ މި މަޤާމަށް އައްޔަންކުރައްވާފައިވަނީ އިސްރާއީލުން ތެހެރާނަށް ދިން ޓެރަރިސްޓް ހަމަލާއެއްގައި ކުރީގެ ސެކްރެޓަރީ ޢަލީ ލާރިޖާނީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ.

އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން، ޛުލްޤަދަރު މި މަޤާމަށް އައްޔަންކުރެއްވީ އެޤައުމުގެ އައު ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީ ރުހުދެއްވުމާ އެކުގައެވެ. ޛުލްޤަދަރަކީ އީރާނުގެ ސަލާމަތީ އަދި އަސްކަރީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ، ނުފޫޒުގަދަ ބޭފުޅެކެވެ.

1954 ވަނަ އަހަރު އީރާނުގެ ފާރިސް ޕްރޮވިންސަށް އުފަންވި ޛުލްޤަދަރަކީ އިޤްތިޞާދީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރެއްވުމަށްފަހު، ސްޓްރެޓީޖިކް މެނޭޖްމަންޓުން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އީރާނުގެ އިންގިލާބީ  ލަޝްކަރު (އައިއާރްޖީސީ) ގެ ޑެޕިއުޓީ ކޮމާންޑަރުގެ މަޤާމާއި، ޖޮއިންޓް ޗީފް އޮފް ސްޓާފްގެ މަޤާމު ވެސް ފުރުއްވާފައެވެ.

އަސްކަރީ ދާއިރާގެ އިތުރުން ޛުލްޤަދަރު ވަނީ އީރާނުގެ ދާޚިލީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރުކަމާއި، ޝަރުޢީ ދާއިރާގެ އިސް މުޝީރުކަން ވެސް ކުރައްވާފައެވެ. 2021 ވަނަ އަހަރުން ފެށިގެން އޭނާ ހުންނެވީ އީރާނުގެ ތަޖުރިބާކާރުންގެ މަޖިލީހގެ ސެކްރެޓަރީގެ މަޤާމުގައެވެ.

އީރާނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސް ދައުރެއް އަދާކުރާ މަޖިލީހުގެ ވެރިއަކަށް ޛުލްޤަދަރު އައްޔަންކުރެވުމުން އޭނާގެ ތަޖުރިބާގެ ސަބަބުން އީރާނުގެ ސަލާމަތީ ސިޔާސަތުތައް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް