އެމެރިކާގެ "ނިއުޔޯކް ޓައިމްސް" ނޫހުން މިއަދު ޝާއިއު ކުރި ރިޕޯޓެއްގައި މަޢުލޫމާތު ހުރި މަސްދަރުތަކާ ހަވާލާދީ ހާމަކޮށްފައިވާ ގޮތުގައި، ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ވަނީ ދާދި ފަހުން ޑޮނަލްޑް ރައީސް ޓްރަމްޕާ އެކު ކުރެއްވި ފޯނު ކޯލްތަކެއްގައި، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ކުރިއަށް ގެންދިއުމަށާއި އަސްކަރީ ފިޔަވަޅު އެޅުމުގައި ފަހަތަށް ނުޖެހުމަށް ބާރުއަޅުއްވައި ފިއްތުންތައް ކުރިމަތިކުރައްވާފައެވެ.
އެ މަޝްވަރާތަކުގެ މަޢުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާ އާއި އިސްރާއީލުން ދޭ އަސްކަރީ ހަމަލާތަކަކީ ސަރަހައްދު އަލުން ބައްޓަންކޮށް ބަދަލުކޮށްލުމަށް ލިބޭ "ތާރީޚީ ފުރުސަތެއް" ކަމަށް މުހައްމަދު ބިން ސަލްމާން ދެކެވަޑައިގަންނަވައެވެ. އަދި އީރާނަކީ ގަލްފުގެ ގައުމުތަކަށް އޮތް ނުރައްކަލެއް ކަމަށާއި، އެ ނުރައްކާ ނައްތާލެވޭނީ އީރާނުގެ ސަރުކާރު ވައްޓާލައިގެން ކަމަށް އޭނާ ވިދާޅުވިކަމަށް ބުނެއެވެ.

މަސްދަރުތަކާ ހަވާލާ ދީ ޓައިމްސްއިން ބުނާ ގޮތުގައި، ވަލީއަހުދު ވަނީ އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތައް ހިފުމަށާއި އީރާނުގެ ލީޑަޝިޕް އިސްތިއުފާ ދިނުމަށް މަޖުބޫރުކުރުވުމަށްޓަކައި އެމެރިކާގެ އެއްގަމު ސިފައިން އީރާނަށް ފޮނުވުމަށް ވެސް ގޮވާލައްވާފައެވެ. އަދި ތެހެރާންގެ ސަރުކާރު ބަލިކަށިކުރުމަށްޓަކައި އީރާނުގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރަށް ހަމަލާދިނުމަށް ވެސް އޭނާ ވަނީ ބާރުއަޅުއްވާފައެވެ.
އެ ނޫހުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބައެއް ފަހަރު ހަނގުރާމަ ހުއްޓާލުމުގެ ވިސްނުމަށް ޓްރަމްޕް ލެނބިވަޑައިގަންނަވާހެން ހީވި ނަމަވެސް، އެއީ "ގޯހެއް" ކަމަށް މުހައްމަދު ބިން ސަލްމާން ވަނީ ޗެލަންޖު ކުރައްވާފައެވެ. އެ ނޫހުން ބުނާ ގޮތުގައި ސައުދީން މިކަމަށް ބާރުއަޅަނީ، މިހާރު ޓްރަމްޕް ފަހަތަށް ޖެހިވަޑައިގެންފިނަމަ، "ރުޅިއައިސްފައި އޮތް އީރާނަކާ" ކުރިމަތިލުމުގައި ސައުދީ އަރަބިއްޔާ އާއި ސަރަހައްދުގެ އެހެން ގައުމުތައް އެކަނި ވެދާނެތީ ވަލީ އަހުދު ބިރުފުޅުގަންނާތީއެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، "ފުރިހަމަނުވާ" ހަނގުރާމައެއްގެ ސަބަބުން ސައުދީ އަރަބިއްޔާއަށް މެދުނުކެނޑި ބަދަލުހިފުމުގެ ހަމަލާތައް އަމާޒުވާނެއެވެ. އަދި އެހެން ވެއްޖެނަމަ ހުރުމުޒް ކަނޑުއޮޅި އެކި ދަނޑިވަޅުތަކަށް ބަންދުކުރުމުގެ ގާބިލްކަން އީރާނަށް ލިބިގެންދާނެއެވެ.
މި ހިތްވަރުދިނުންތަކާ ދެކޮޅަށް، ސައުދީ އާއި އެމެރިކާގެ އިސް އޮފިޝަލުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިކަން "ނިއުޔޯކް ޓައިމްސް" އިން ވަނީ ބުނެފައެވެ.
އެއީ މި ހަމަނުޖެހުން ދިގުލައިގެން ދިއުމަކީ ސައުދީގެ ތެޔޮ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދިނުމަށް މަގުފަހިވެދާނެ ކަމެއް ކަމަށް އެފަރާތްތަކުން ދެކެއެވެ. އަދި އެމެރިކާ "ނިމުމެއް ނެތް ހަނގުރާމައެއްގެ" ތެރޭގައި ތާށިވެދާނެތީ ވެސް އެ ފަރާތްތަކުން ބިރުގަނެއެވެ.
އީރާނުން ދަނީ އެ ގައުމުގެ ފަސްގަނޑަށް އެމެރިކާ އާއި އިސްރާއީލުން ދެމުންދާ ޓެރަރިސްޓް އުދުވާނަށް ރައްދު ދެމުންނެވެ. އެގޮތުން ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އިސްރާއީލުގެ އިސްތިއުމާރީ ސަރަހައްދުތަކުގެ ފުނަށް އަމާޒުކޮށް ހަމަލާދެމުންދާއިރު، އީރާނުން ބުނަމުންދަނީ އެ ގައުމުގެ އޮޕަރޭޝަންތަކަކީ އަވަށްޓެރި ގައުމުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކަންކަން ނޫން ކަމަށާއި، އަމާޒަކީ އުދުވާން ފެށި އެމެރިކާގެ މަރުކަޒުތަކާއި މަސްލަހަތުތައް ކަމަށެވެ.





