އެމެރިކާގެ އަންހެނަކު ވޭންވަރު ގަދަވެފައި ވަނިކޮށް، ވިހާނެ ގޮތަކާ މެދު ޑޮކްޓަރުންނާ ދެމެދު އުފެދުނު ދެބަސްވުމެއްގެ ސަބަބުން ހަސްފަތާލުން މައްސަލަ ކޯޓަށް ވައްދައިގެން އަމުރެއް ހޯދައިފިއެވެ. ހޮސްޕިޓަލުގެ އެނދު މަތީގައި އޮވެ ވީޑިއޯ ކޯލް މެދުވެރިކޮށް ޝަރީއަތަށް ގާޒީއެއްގެ ކުރިމައްޗަށް ހާޒިރުވާން މަޖުބޫރުވުމުން، އެ މައްސަލަ ގާނޫނީ ބޮޑު ބަހުސަކަށް ވެފައެވެ.
މި ހާދިސާ ހިނގާފައިވަނީ ފްލޮރިޑާގައެވެ. ތިން ކުދިންގެ މަންމަ ޝެރީސް ޑޮއިލް، ޖެކްސަންވިލްގައި ހުންނަ ޔުނިވާސިޓީ އޮފް ފްލޮރިޑާގެ ހޮސްޕިޓަލެއްގައި ވިހަން އޮއްވާ ގާޒީއެއްގެ ކުރިމައްޗަށް ހާޒިރުވާން ޖެހުނީ، މެޑިކަލް ޓީމުން ކޮންމެހެން ކުރަން ލަފާދިން ސިޒޭރިއަން ހެދުމަށް އޭނާ އިންކާރު ކުރުމާ ގުޅިގެންނެވެ.

މި ރިޕޯޓުގައިވާ ގޮތުން، މާބަނޑުމީހާ ސިޒޭރިއަން ހަދަން ދެކޮޅު ހެދުމުން، އޭނާގެ ނުރުހުމުގައި އެ އޮޕަރޭޝަން ކުރުމުގެ ހުއްދަ ހޯދުމަށް ޑޮކްޓަރުން ކޯޓަށް ދިޔައީ އެވެ. މިއާއެކު، ވޭންވަރުގައި އޮއްވާ އޭނާއަށް ވަނީ ޝަރުއީ މަރުހަލާއާ ކުރިމަތިލާން ޖެހިފައެވެ. މި ހާދިސާއަކީ އެމެރިކާގައި "މަޖުބޫރުން ދެވޭ ބޭސްފަރުވާ" ގެ މިސާލެއްގެ ގޮތުގައި މީޑިއާގައި ސިފަކޮށްފައިވެއެވެ.
ޝެރީސް ހޮސްޕިޓަލަށް ދިޔައީ ރޭގަނޑުގެ ވަގުތެއްގައި ފެންދުުލި ފަޅައިގެން ދިއުމާ ގުޅިގެންނެވެ. އަދި ހާލަތަށް ބަލައި ރަހިމު ފަޅައިގެން ދިއުމުގެ ނުރައްކާ އޮތް ކަމަށާއި، އެއީ އޭނާ އާއި ދަރިފުޅުގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޑޮކްޓަރުން ބުންޏެވެ. ނަމަވެސް، އެ ނުރައްކާ އޮތީ 2 އިންސައްތައަށް ވުރެ ކުޑަ މިންވަރަކަށްކަން އޭނާއަށް އެނގެއެވެ. އެހެންކަމުން، ގުދުރަތީ ގޮތުން ވިހަން މަސައްކަތް ކުރަން ފުރަތަމަ ބޭނުންވާ ކަމަށާއި ސިޒޭރިއަން ހަދަން އެއްބަސްނުވާނެ ކަމަށް އޭނާ ތަކުރާރުކޮށް ބުނަމުން ދިޔައެވެ. އެއަށްފަހު ޑޮކްޓަރުން ދޫދީ، އިތުރު ގަޑިއިރުތަކަކަށް ވިހަން މަސައްކަތް ކުރުމުގެ ފުރުސަތު އޭނާއަށް ދިނެވެ.
ބޮޑު އޮޕަރޭޝަނެއް ކުރުމާ ޝެރީސް ދެކޮޅު ހެދީ ސަބަބުތަކެއް ހުރެގެންނެވެ. ކުރިން ހެދި ސިޒޭރިއަންތަކަށް ފަހު ފަސޭހަވުމުގައި އޭނާ ވަނީ ބޮޑެތި ތަކުލީފުތަކެއް އުފުލާފައެވެ. އަދި ކުރީގެ ސިޒޭރިއަނަކަށް ފަހު ބޯކޮށް ލޭ ފޭބުމުގެ ސަބަބުން ހަފުތާއެއްހާ ދުވަހު ހޮސްޕިޓަލުގައި އޮންނަން ވެސް ޖެހިފައި ވެއެވެ.
އޮޕަރޭޝަނަށް ފަހު ފަސޭހަވާން އުނދަގޫވެއްޖެ ނަމަ، ނުވަތަ އިތުރު މައްސަލައެއް ދިމާވެއްޖެ ނަމަ، އޭނާގެ ދަރިން ބަލާނެ ގޮތަކާ މެދު އޭނާ ކަންބޮޑުވިއެވެ. އަދި އޭނާ މަރުވެއްޖެ ނަމަ، ދަރިން ދައުލަތުގެ ބެލުމުގެ ދަށަށް ހިނގައިދާނެތީވެސް ބިރުގަތެވެ.
ޝެރީސް ބުނި ގޮތުގައި އޭނާ މި އޮޕަރޭޝަނަކީ ނުރައްކާ ކުޑަ ކަމެއްގެ ގޮތުގައި ނުދެކެއެވެ. އަދި ކޯޓު އަޑުއެހުމުގައި އޭނާ ވަނީ، އޭނާގެ އަނެއް ދަރިންގެ ފުރާނައާއި އޭނާގެ އަމިއްލަ ފުރާނައަކީ ހޮސްޕިޓަލަށާއި ޑޮކްޓަރުންނަށް މުހިންމު އެއްޗެއްތޯ ސުވާލު އުފައްދާފައެވެ.
ދެ ގަޑިއިރަށް ވުރެ ގިނަ އިރަށް ދެމިގެންދިޔަ މި ޝަރީއަތުގެ އަޑުއެހުމުގައި، ޝެރީސް ވަނީ އޭނާ އެހެން ހޮސްޕިޓަލަކަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. އަދި ސިޒޭރިއަން ހަދަން ޖެހުނު ނަމަވެސް، އެ އަޑުއެހުމުގައި ބައިވެރިވި އެއްވެސް މީހަކު ލައްވައި އޮޕަރޭޝަން ކުރަން ބޭނުންނުވާ ކަމަށް ބުންޏެވެ. ނަމަވެސް، އެހެން ހޮސްޕިޓަލަކުން އޭނާ ބަލައިގަންނަން އެއްބަސްވާން ޖެހޭތީ، އެއީ ވުމަށް ވުރެން ނުވުން ގާތް ކަމެއް ކަމަށް ހޮސްޕިޓަލުގެ އޮފިޝަލުން ބުންޏެވެ.
އެންމެ ފަހުން، ޔޫ.އެފް ހެލްތު ހޮސްޕިޓަލުގައި މަޑުކުރަން ޝެރީސް އެއްބަސްވިއެވެ. ނަމަވެސް، އޭނާ ގެ ފަރުވާއަށް ކަޅު ނަސްލުގެ ޑޮކްޓަރަކު ނުވަތަ ނަރުހަކު ހަމަޖައްސައިދެވިދާނެތޯ އޭނާ ސުވާލުކުރިއެވެ. އަދި ކޯޓުން ދީފައިވާ މުހުލަތު ހެނދުނު 6:00 ގައި ހަމަވުމުން ވާނީ ކިހިނެއްތޯ އަހައި އޭނާ ކަންބޮޑުވުން ފާޅުކުރިއެވެ. އޭނާގެ ނުރުހުމުގައި، އަތްފައި ބަނދެގެން މަޖުބޫރުން ސިޒޭރިއަން ހަދާނީތޯ ވެސް އޭނާ ސުވާލުކުރިއެވެ.
ގާޒީ ވަގުތުން ސިޒޭރިއަން ހަދަން އަމުރެއް ނުކުރެއެވެ. ނަމަވެސް، ކުއްލި ނުރައްކަލުގެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ބަލިމީހާގެ ހުއްދައާ ނުލައިވެސް އޮޕަރޭޝަން ކުރުމުގެ އިޚުތިޔާރު ހޮސްޕިޓަލަށް އޮންނާނެ ކަމަށް ގާޒީ ނިންމިއެވެ.
ރޭގަނޑުގެ ވަގުތެއްގައި، ބަނޑުގައި އޮތް ދަރިފުޅުގެ ހިތުގެ ވިންދު ދަށްވަމުންދާކަން ޑޮކްޓަރުންނަށް ފާހަގަކުރެވުނެވެ. އެއާއެކު، އަވަސްއަވަހަށް ޝެރީސް ތިއޭޓަރަށް ވައްދައި، އަނެއްކާވެސް ސިޒޭރިއަން ހަދައިގެން ދަރިފުޅު ވިއްސީއެވެ.






