ބަންގްލަދޭޝްގެ ޖަމާއަތޭ އިސްލާމީގެ އަމީރު ޑރ. ޝަފީގުއްރަހްމާން، އަންހެނުންނަށް ދުވަހަކުވެސް އެ ޕާޓީގެ ލީޑަޝިޕް ހަވާލު ނުކުރެވޭނެ ކަމަށާއި ފިރިހެނުންނާއި އަންހެނުންނަކީ "އެއްހަމަ" ބައެއް ނޫން ކަމަށް ވިދާޅުވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ. އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އަންހެނުންނާއި ފިރިހެނުންނަށް ކަނޑައެޅިފައިވަނީ ތަފާތު ދައުރުތަކެއްވާ ކަމަށެވެ. މީގެ ކުރިންވެސް އެ ޕާޓީން ވަނީ އަންހެނުން ދައުލަތުގެ ނުވަތަ ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ މަގާމު ފުރުއްވުމަށް ތާއީދު ނުކުރާނެ ކަމަށް ބުނެފައެވެ.
ކުރިއަށް އޮތް އާންމު އިންތިޚާބުގައި ޖަމާއަތޭ އިސްލާމީ އާއެކު 30 އަށްވުރެ ގިނަ ސިޔާސީ ޕާޓީތަކުން ޕާލަމެންޓް ގެ 300 ގޮނޑިއަށް އެއްވެސް އަންހެން ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާކަން ފާހަގަކުރެވެއެވެ. މިއީ އެ ގައުމުގެ ސިޔާސީ މައިދާނުގައި އަންހެނުންނަށް އޮތް ހުރަސްތައް ހާމަކޮށްދޭ ކަމެއް ކަމަށް ބެލެވެއެވެ. ނަމަވެސް، ބަންގްލަދޭޝްގެ ސިޔާސީ ތާރީޚަށް ބަލާއިރު، ފާއިތުވި އެތައް އަހަރެއްގައި ގައުމު ހިންގުމުގައި އިސްކޮށް ތިއްބެވީ ދެ އަންހެން ބޭފުޅުންނެވެ.
އަންހެނުން ބާކީކުރުމުގެ މިފަދަ ސިޔާސަތުތަކަކީ އަންހެނުންގެ ހައްގަށް އުނިކަން އަންނާނެ ކަމެއް ކަމަށް ބުނެ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން އަންނަނީ އިންޒާރު ދެމުންނެވެ. ބަންގްލަދޭޝްގެ އަންހެނުން ވަނީ ތައުލީމާއި، ކުޅިވަރާއި، ފުލުހުންގެ ޚިދުމަތާއި އަދި ބައިނަލްއަގުވާމީ ސުލްހަ ބަލަހައްޓާ ފައުޖުތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.
އަންހެނުން ލީޑަޝިޕް މަގާމުތަކުގައި މަދުވަނީ ގާބިލުކަން ނެތުމަކުން ނޫން ކަމަށް ބަނގްލަދޭޝް މީޑިއާ ބުނެއެވެ. އަންހެނުންގެ ލީޑަރުންގެ މިސާލާއި، ދަތި އުނދަގޫ ހާލަތްތަކުގައި އާއިލާތައް ބެލެހެއްޓުމުގައި އަންހެނުން ދައްކުވައިދޭ ހިތްވަރުން އެނގެނީ ލީޑަޝިޕަކީ ވަކި ޖިންސަކަށް ޚާއްސަ ކަމެއް ނޫން ކަމެވެ.
ޖަމާއަތޭ އިސްލާމީން ވަނީ އަންހެނުންގެ ވަޒީފާގެ ވަގުތު ކުރުކުރުން ފަދަ ބައެއް ހުށަހެޅުންތައް ދާދި ފަހުން ހުށަހަޅާފައެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނަނީ މިއީ އާއިލާ ދަމަހައްޓައި ކުދިންނަށް ސަމާލުކަން ދޭން ކުރާ ކަމެއް ކަމަށާއި މިކަމަކީ ހަމައެކަނި އަންހެނުންގެ ޒިންމާއެއް ކަމަށް ބަލައިގެްނ ނުވާނެ ކަމަށެވެ. މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގައި މިހާރު ވަނީ ޖިންސީ ހަމަހަމަކަމާއި ސިޔާސީ ބައިވެރިވުމާ ބެހޭ ބޮޑު ބަހުސެއް ފެށިފައެވެ.






