އެމެރިކާގެ ރައްޓެހިން ޗައިނާއަށް ދީލާލަމުން ދިއުމާއި ވިޔަފާރި ހަނގުރާމަތަކާ ހެދި އެމެރިކާ އެކަހެރި ވަމުން ދިއުމާ ގުޅިެގން ޓްރަމްޕް ދޫ ދޭން ނިންމައިފިއެވެ. އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީއަށް ފޯނުން ގުޅުއްޗވައި ޓްރަމްޕް ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމުގެ ގޮތުން ވިޔަފާރި އެއްބަސްވުމަށް އޭނާގެ ރުހުން ދޭ ކަމަށް ވިދާޅުވެފައެވެ.
މި އެއްބަސްވުމުގެ ދަށުން، އެމެރިކާއިން އިންޑިއާގެ މުދަލުން ނަގަމުންދާ ޓެރިފް %25 އިން %18 އަށް ދަށްކުރުމަށް ވަނީ ނިންމާފައެވެ.
މި އެއްބަސްވުމުގެ އެންމެ މުހިންމު އެއް ނުކުތާއަކީ އިންޑިއާއިން ރަޝިއާގެ ތެޔޮ ގަތުން ހުއްޓާލުމަށް ބޮޑުވަޒީރު މޯދީ އެއްބަސްވެވަޑައިގަތުމެވެ. މީގެ ބަދަލުގައި އިންޑިއާއިން އެމެރިކާގެ ތެޔޮ ގަތުން އިތުރުކުރާނެ ކަމަށާއި، ވެނެޒުއޭލާއިން ތެޔޮ ހޯދުމުގެ ފުރުސަތު އޮތްކަން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، ރަޝިއާގެ ތެޔޮ ގަތުމާ ގުޅިގެން އިންޑިއާއަށް ކުރިން ކުރިމަތިވި %25 ގެ އަދަބު ދިނުމުގެ ޓެރިފް ވެސް މިހާރު ވަނީ އުވާލާފައެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، އިންޑިއާއިން އެމެރިކާގެ މުދަލުން ނަގާ ހުރިހާ ޓެރިފްތަކާއި ވިޔަފާރީގެ އެހެނިހެން ހުރަސްތައް ނައްތާލާނެއެވެ. މީގެ އިތުރުން، ހަކަތަ، ޓެކްނޮލޮޖީ، ދަނޑުވެރިކަން އަދި ކޯލާދެލި ހިމެނޭހެން 500 ބިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ އެމެރިކާގެ އުފެއްދުންތައް ގަތުމަށް އިންޑިއާއިން ވަނީ ވައުދުވެފައެވެ.
މި އެއްބަސްވުން މި އައީ އިންޑިއާ އާއި ވިލާތުގެ އިއްތިހާދު އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. ލަފާ ކުރެވޭގޮތުގައި، މިއީ އީޔޫ އާއި އިންޑިއާގެ ގުޅުން ބަދަހިވަމުންދާތީ އެމެރިކާއިން އެކަމަށް ދިން ރައްދެކެވެ. މީގެ ކުރިން، މިދިޔަ އޮގަސްޓް މަހު އެމެރިކާއިން އިންޑިއާގެ މުދަލަށް %50 ގެ ޓެރިފްއެއް ކަނޑައެޅުމާ ގުޅިގެން ދެ ގައުމުގެ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.
މި އެއްބަސްވުމަށް އެމެރިކާގެ ތެރޭގައި ވަނީ ތަފާތު ރައްދުތަކެއް ލިބިފައެވެ. ބައެއް މާލީ މާހިރުން މިކަމަށް މަރުހަބާ ކިޔަމުންދާއިރު، ކުދި ވިޔަފާރިތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. "ވީ ޕޭ ދަ ޓެރިފްސް" ކޯލިޝަނުން ބުނާ ގޮތުގައި، މިހާރު ކަނޑައެޅި %18 ގެ ރޭޓަކީ ވެސް ކުރީގެ %2.5 އާ އަޅާބަލާއިރު ހަ ގުނަ ބޮޑު އަދަދެއް ކަމަށާއި، މިއީ ދާއިމީކޮށް ޓެކްސް ބޮޑުކުރުމެއް ކަމަށެވެ.







