އީރާނުން ވަނީ މަޝްވަރާގައި އެމެރިކާއަށް ރަނރޮނގުތަކެއް ކަނޑައަޅާފައި!

ހަނގުރާމަ ފެށުނީއްސުރެ އީރާނުން މަޝްވަރާކުރުމުގައި ގެންގުޅޭ ސިޔާސަތު ހަރުކަށި ކޮށްފައިވާ ކަމަށް ތެހެރާންގެ މަތީ ފަންތީގެ ތިން މަސްދަރަކުން އަންގާރަ ދުވަހު "ރޮއިޓާސް" އަށް ޔަގީން ކޮށްދީފިއެވެ. މީގެ ސަބަބަކީ އީރާންގެ ނިންމުންތައް ނިންމުމުގައި އިންގިލާބީ ސިފައިން ކަމަށްވާ ރިވޮލިއުޝަނަރީ ގާޑްސްގެ ނުފޫޒު ގަދަވުމެވެ. އަދި މެދުވެރިއެއްގެ އެހީގައި ސީރިއަސް މަޝްވަރާތަކެއް ފެށިއްޖެ ނަމަ، އެމެރިކާގެ ފަރާތުން ބޮޑެތި ދޫތަކަކަށް އީރާނުން މަޖުބޫރު ކުރާނެ ކަމަށް އެ މަސްދަރުތަކުން ކަށަވަރުކޮށްދެއެވެ.

އެ މަސްދަރުތަކުން ބުނާ ގޮތުގައި، އެމެރިކާއާއެކު ބާއްވާ އެއްވެސް މަޝްވަރާއެއްގައި އީރާނުން ހަމައެކަނި ހަނގުރާމަ ހުއްޓާލުމަކަށް ނޭދޭނެއެވެ. އޭގެ ބަދަލުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ގަބޫލުކުރަން ދަތިވާނެ ފަދަ "ރަތް ރޮނގުތަކެއް" އީރާނުން ކަނޑައަޅާނެއެވެ.

އޭގެ ތެރޭގައި ކުރިމަގުގައި އީރާނަށް އެއްވެސް ޓެރަރިސްޓް ހަމަލާއެއް ނުދޭނެ ކަމުގެ ޔަގީންކަން ދިނުމާއި، ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމާއި، އަދި ހުރުމުޒ ކަނޑުއޮޅީގެ ރަސްމީ ކޮންޓްރޯލް އީރާންގެ އަތުގައި އޮތް ކަން ގަބޫލުކުރުން ހިމެނެއެވެ.

އީރާނުން ޔަހޫދީންގެ ނިއުކްލިއާ މަރުކަޒަށް ބޮން އެޅުމުން އެމެރިކާ ވަނީ ގުޑާފައެވެ. އަދި އެމެރިކާ ބޭނުން ވަނީ އަވަހަށް ހަމަލަތައް ހުއްޓާލުމަށް އީރާނުން އެއްބަސްވާ ށެވެ.

މީގެ އިތުރުން، އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމަށް އެމެރިކާއިން އެއްވެސް ހުރަހެއް އެޅުމަށް އެއްވެސް ވާހަކައެއް ދައްކަން އީރާން ބޭނުމެއް ނުވެއެވެ.

މިއީ މިދިޔަ މަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާ ދިނުމުގެ ކުރިން ކުރިއަށްދިޔަ ވާހަކަތަކުގައި ވެސް އީރާނުން ކަނޑައަޅާފައިވާ ރަތް ރޮނގެކެވެ.

ހޯމަ ދުވަހު ޓްރަމްޕް ވިދާޅުވީ، ހަނގުރާމަ ފެށުނުތާ ތިން ހަފުތާއަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ވޮޝިންގޓަނުން އީރާނާއެކު "ވަރަށް ސީރިއަސް ވާހަކަތަކެއް" މިހާރުވެސް ދައްކާފައިވާ ކަމަށެވެ. ނަމަވެސް އީރާނުން ވަނީ އެކަން ދޮގުކޮށްފައެވެ.

އެ ތިން މަސްދަރުން ބުނި ގޮތުގައި، އީރާނުން މިހާތަނަށް ފުރަތަމަ މަރުހަލާގެ ވާހަކަތައް ދައްކާފައިވަނީ ހަމައެކަނި ޕާކިސްތާނު، ތުރުކީ އަދި މިސްރާއެކުގައެވެ. އެއީ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއާއެކު މަޝްވަރާ ކުރެވިދާނެ ފަދަ ބިންގަލެއް އޮތްތޯ ބެލުމަށް އެގައުމުތަކާ ދެއްކި ވާހަކައެވެ.

ޔޫރަޕްގެ އޮފިޝަލަކު ހޯމަ ދުވަހު ވިދާޅުވި ގޮތުގައި، މިސްރާއި ޕާކިސްތާނު އަދި ގަލްފްގެ ބައެއް ގައުމުތަކުން އީރާނާއި އެމެރިކާއާ ދެމެދު މެސެޖުތައް ބަދަލުކޮށްދެމުންދެއެވެ. ނަމަވެސް އެ ދެ ގައުމުގެ ދެމެދުގައި ސީދާ އެއްވެސް މަޝްވަރާއެއް ކުރިއަކަށް ނުދެއެވެ.

ހިއްސާ ކުރައްވާ!