ރޮއިޓާސް/އިޕްސޯސް އިން ކުރި ސާވޭއަކުން ދައްކާ ގޮތުގައި، އެމެރިކާގެ ޑޮނަލްޑް ރައީސް ޓްރަމްޕަށް އޮތް ތާއީދު ދުވަހަކުވެސް ނުދާ ވަރަށް ދަށަށް ގޮސްފިއެވެ. މިހާރު ޓްރަމްޕާ ގަޔާވާ ކަމަށް ބުނަނީ 36 އިންސައްތަ މީހުންނެވެ. މިއީ އޭނާ ދެވަނަ ދައުރަކަށް މަގާމާ ހަވާލުވެވަޑައިގަތް ފަހުން މީހުން އޭނާ ދެކެ މި ވަރަށް ފޫހިވާކަމަށް ދެއްކި ފުރަތަމަ ފަހަރެވެ.
އިއްޔެ ނިމުނު ހަތަރު ދުވަހުގެ މި ސާވޭއިން ދައްކާ ގޮތުގައި، ތެލުގެ އަގު އުފުލުމާއި އަދި އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ މެދު އާންމުން ވަނީ ޓްރަމްޕް ދެކެ ނުރުހިފައެވެ. ކުރީ ހަފުތާގައި 40 އިންސައްތައިގައި ހުރި ތާއީދު މިހަރު ވަނީ 36 އިންސައްތައަށް ގޮސް ދަށްވެފައެވެ.
މި ސާވޭއިން ދައްކާ ގޮތުގައި އެމެރިކާއިން އީރާނާ ދެކޮޅަށް ޓެރަރިޒަމް ހިންގާން އެމެރިކާ ރައްޔިތުން ބޭނުމެއް ނުވެއެވެ. އެގޮތުން އީރާނަށް ދޭ ހަމަލާތަކަށް ތާއީދުކުރަނީ 35 އިންސައްތަ މީހުންނެވެ. އަދި، 61 އިންސައްތަ މީހުން އެކަމާ ދެކޮޅު ހަދާ ކަމަށް ބުނެއވެ.
މީގެ އިތުރުން، ދިރިއުޅުމުގެ ޚަރަދުތައް އަތް ނުފޯރާ ފަށަށް ދިއުމާއި ގުޅިގެންވެސް އާންމުން ވަނީ ޓްރަމްޕް ދެކެ ފޫހިވާ ކަމަށް ބުނެފައެވެ.
މިހާރު ހިނގާ ހަނގުރާމައިގެ މައްސަލަ ޓްރަމްޕް ހައްލުކުރެވޭނެ ކަމަށް ބަލަނީ އެންމެ 25 އިންސައްތަ މީހުންނެވެ.
އިންޓަނެޓް މެދުވެރިކޮށް ކުރިއަށްގެންދިޔަ މި ސާވޭގައި އެމެރިކާގެ 1,272 ބޮޑެތި މީހުން ބައިވެރިވެފައިވެއެވެ.





