2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޕާކިސްތާނުގައި ހަމަނުޖެހުންތައް ކުޑަކޮށް މަދުވި ނަމަވެސް، އާ އަހަރުގެ ފުރަތަމަ މަހު ދައުލަތާ ދެކޮޅަށް ހިންގާ ޓެރަރިސްޓް ހަރަކާތްތައް އަލުން އިތުރުވެ، މަރުވި މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާން އިންސްޓިޓިއުޓް ފޯ ކޮންފްލިކްޓް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ޕީއައިސީއެސްއެސް) އިން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، ޑިސެމްބަރު މަހާ އަޅާބަލާއިރު ޖެނުއަރީ މަހު ހަނގުރާމައިގެ ތެރޭގައި މަރުވި މީހުންގެ އަދަދު ވަނީ 43 އިންސައްތަ އިތުރުވެފައެވެ. މިދިޔަ މަހު ޖުމްލަ 242 ހަނގުރާމަވެރިން މަރުވެފައިވާއިރު، 73 އާންމުންނާއި ސަލާމަތީ ބާރުތަކުގެ 46 މީހަކު ވަނީ މަރުވެފައެވެ.
ޕީއައިސީއެސްއެސްގެ ރިޕޯޓުގައިވާ ގޮތުން ޖެނުއަރީ މަހު މުޅި ގައުމުގައި 87 ހަމަލާއެއް ދީފައިވެއެވެ.
މިއީ ޑިސެމްބަރު މަހު ރިޕޯޓުކުރި 68 ހަމަލާއަށްވުރެ 28 އިންސައްތަ އިތުރު އަދަދެކެވެ.
މީގެ ތެރެއިން އެންމެ ގިނަ ހަމަލާތައް ދީފައިވަނީ ހައިބަރު ޕަޚްތޫންހުވާ އާއި ބަލޮޗިސްތާން ޕްރޮވިންސްގައެވެ.
ވަކިން ހާއްސަކޮށް ބަލޮޗިސްތާނުގައި ހަމަނުޖެހުންތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.
ބަލޮޗިސްތާނަކީ މިދިޔަ މަހު އެންމެ ގިނަ ހަނގުރާމަވެރިން މަރުވި ސަރަހައްދެވެ. އެގޮތުން ޖެނުއަރީ މަހުގެ ފަހު ދެ ދުވަހު ޓެރަރިސްޓް ބަލޮޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) އިން 12 ތަނަކަށް އެއްފަހަރާ ދިން ހަމަލާތަކާ ގުޅިގެން ސަލާމަތީ ބާރުތަކުން ވަނީ ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގާފައެވެ. މި އޮޕަރޭޝަންތަކުގައި އެކަނިވެސް 172 ޓެރަރިސްޓުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޕަންޖާބު ސަރަހައްދުގައި ދީފައިވަނީ އެންމެ ދެ ހަމަލާ ނަމަވެސް، ސަލާމަތީ ބާރުތަކުން ވަނީ އެ ސަރަހައްދުގައި ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގާފައެވެ. މިގޮތުން ލާހޫރުން އެކަނިވެސް ޖުމްލަ 53 ހަނގުރާމަވެރިން ހައްޔަރުކޮށްފައިވެއެވެ. މިއީ ލާހޫރަށް އަމާޒުކޮށް ދޭން އުޅުނު ބޮޑު ހަމަލާއެއް ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މުހައްލިލުން ދެކެއެވެ.
ސިންދު، ޖައްމޫ އެންޑް ކަޝްމީރު، އިސްލާމްއާބާދު އަދި ގިލްގިިތު-ބަލްޓިސްތާނުން ޖެނުއަރީ މަހު އެއްވެސް ހަމަލާއެއް ރިޕޯޓުކޮށްފައެއް ނުވެއެވެ.






