ފީފާއިން ފެލާލަނީ ކަމަށް ބުނެ ޔޫރަޕްގެ ސަޕޯޓަރުންގެ ޖަމިއްޔާއިން ދައުވާ ކޮށްފި

ވޯލްޑް ކަޕްގެ ޓިކެޓް އަގުތައް އިންތިހާއަށް ބޮޑުކޮށްފައިވާ ކަމަށް ބުނެ، ފުޓްބޯޅައިގެ މައި އިދާރާ ފީފާއާ ދެކޮޅަށް ޔޫރަޕިއަން ކޮމިޝަނަށް މައްސަލައެއް ހުށަހަޅައިފިއެވެ. މި މައްސަލަ ހުށަހެޅީ ފުޓްބޯލް ސަޕޯޓާސް ޔޫރަޕް (އެފްއެސްއީ) އާއި ޔޫރޯ ކޮންސިއުމާސް ޖަމިއްޔާ ގުޅިގެންނެވެ.

އެ ޖަމިއްޔާތަކުން ތުހުމަތުކުރާ ގޮތުގައި ފީފާއިން ވަނީ ޓިކެޓް ވިއްކުމުގައި އޮތް ފީފާގެ މޮނޮޕޮލީ ނަހަމަ ގޮތުގައި ހިފައި، ސަޕޯޓަރުންނަށް ނުއުފުލޭ ވަރުގެ އަގުތަކެއް ކަނޑައަޅާފައެވެ. އަދި ޓިކެޓް ގަތުމުގެ މަރުހަލާތަކަކީ ދެފުށް ފެންނަ، އިންސާފުވެރި ނިޒާމެއް ނޫން ކަމަށްވެސް އެފްއެސްއީގެ ޝަކުވާގައި ބުނެފައިވެއެވެ.

އެފްއެސްއީން ފާހަގަކުރި ގޮތުގައި 2026 ގެ ވޯލްޑް ކަޕް ފައިނަލް މެޗުގެ އެންމެ އަގުހެޔޮ ޓިކެޓެއް މިހާރު ލިބެން ހުރީ 4,185 ޑޮލަރަށެވެ. މިއީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފައިނަލްގެ އެންމެ އަގުހެޔޮ ޓިކެޓަށްވުރެ ހަތް ގުނަ ބޮޑު އަދަދެކެވެ. އަދި މިއަހަރު ބޭއްވި ޔޫރޯ 2024 ގެ ފައިނަލް ޓިކެޓެއްގެ އެންމެ ކުޑަ އަގަކީ 100 ޑޮލަރުކަން އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

މީގެ އިތުރުން، އެމެރިކާ، ކެނެޑާ އަދި މެކްސިކޯ އިން ވޯލްޑް ކަޕް ބޭއްވުމަށް ބިޑް ކުރިއިރު 21 ޑޮލަރަށް ޓިކެޓް ލިބޭނެ ކަމަށް ބުނި ނަމަވެސް، މިހާރު އެންމެ އަގުހެޔޮކޮށް ވިއްކަން ހުރީ 60 ޑޮލަރަށް ކަމަށް އެފްއެސްއީން ބުނެއެވެ. ގިނަ މެޗުތަކުގެ ޓިކެޓް އަގުތައް ހުރީ 200 ޑޮލަރަށްވުރެ މަތީގައެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ އަގުތައް ބޮޑުވަނީ ޑިމާންޑް ބޮޑުވުމުގެ ސަބަބުން ކަމަށެވެ. އަދި އެމެރިކާގައި ބޭނުންކުރާ 'ޑައިނަމިކް ޕްރައިސިންގް' ނިޒާމުގެ ދަށުން މެޗަށް އޮންނަ ތަރުހީބަށް ބަލައި އަގުތަކަށް ބަދަލު އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ސަޕޯޓަރުން ބުނަނީ މި ނިޒާމުގެ ސަބަބުން އަގުތައް އުފުލިގެންދާނެ ވަކި ހައްދެއް ނެތް ކަމަށާއި، ބައެއް ޓިކެޓްތަކުގެ އަގު ކިއޫގައި ތިއްބާވެސް 25 އިންސައްތަ ބޮޑުވެފައިވާ ކަމަށެވެ.

ޔޫރަޕިއަން ކޮމިޝަނުން ބުނީ މި މައްސަލަ ބަލަމުންދާ ކަމަށެވެ. ނަމަވެސް ފީފާއިން ބުނީ އަދި ރަސްމީކޮށް އެފަދަ މައްސަލައެއް ބަލާކަން އެނގިފައި ނުވާ ކަމަށާއި، އެ އިދާރާގެ އަމާޒަކީ ހުރިހާ ސަޕޯޓަރުންނަށްވެސް އިންސާފުވެރިކަމާއެކު މެޗުތައް ބެލުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. 48 ޓީމާއެކު އަލަށް ބާއްވާ މި މުބާރާތުގައި ޖުމްލަ 104 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ހިއްސާ ކުރައްވާ!