އާސިޔާ އަންދަރާބީ އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

އިންޑިއާގެ ވެރިރަށް ދިއްލީގެ ޚާއްޞަ ކޯޓަކުން، ޙުރިއްޔާތުގެ އިސް ލީޑަރު އަދި ކަޝްމީރުގެ އަންހެނުންގެ ޖަމާޢަތެއް ކަމަށްވާ 'ދުޚްތަރާނޭ މިއްލަތު' ގެ ވެރިޔާ އާސިޔާ އަންދަރާބީގެ މައްޗަށް، ސިޔާސީ މަޤްޞަދެއްގައި އުފައްދާފައިވާ ދޮގު ދަޢުވާއެއްގައި އުމުރަށް ޖަލަށްލުމަށް ޙުކުމްކޮށްފިއެވެ. މީގެ އިތުރުން އޭނާގެ ދެ އެހީތެރިން ކަމަށްވާ ފަހުމީދާ ސޫފީ އާއި ނާހިދާ ނަސްރީންގެ މައްޗަށް 30 އަހަރުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ.

ކަޝްމީރު މީޑިއާ ސަރވިސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އާސިޔާ އަންދަރާބީ އާއި ފަހުމީދާ ސޫފީ އަދި ނާހިދާ ނަސްރީންގެ މައްޗަށް ޖެނުއަރީ 14 ވަނަ ދުވަހު މި ޙުކުމް އިއްވީ، ޣައިރުޤާނޫނީ ހަރަކާތްތައް ހުއްޓުވުމާ ބެހޭ ޤާނޫނު (ޔޫ.އޭ.ޕީ.އޭ) ގެ 20، 38 އަދި 39 ވަނަ މާއްދާގެ ދަށުންނާއި، އިންޑިއާގެ ގާނޫނުލްއުގޫބާތު އައި.ޕީ.ސީ ގެ އެކި މާއްދާތަކުގެ ދަށުންނެވެ.

އިންޑިއާގެ ތަޙުޤީޤީ އިދާރާއިން އާސިޔާ އަންދަރާބީގެ މައްޗަށް، ނަފުރަތު އުފައްދާ ފަދަ ތަޤުރީރުތައް މެދުވެރިކޮށް އިންޑިއާއާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކުރި ކަމުގެ ތުހުމަތުކޮށްފައި ވެއެވެ. އަދި ދައުލަތުން އޭނާއަށް އުމުރު ދުވަހުގެ ޖަލު ޙުކުމެއް ދިނުމަށް އެދިފައިވެއެވެ. ފަނޑިޔާރު ޗަންދުރަޖީތު ސިންގް މި ޙުކުމް އިއްވީ މިއަދު ދެފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހުއެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ވަނީ މި މައްސަލަ ކުށްވެރިކޮށްފައެވެ. އަދި މިއީ ހަދައިދީފައިވާ، ސިޔާސީ ބަދަލުހިފުމެއްގެ މައްޗަށް ބިނާވެފައިވާ އަދި ޖައްމޫ އެންޑް ކަޝްމީރުގައި ހައްގަށް މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކުގެ ބައެއްގެ ގޮތުގައި ސިފަކޮށްފައި ވެއެވެ.

އާސިޔާ އަންދަރާބީ އަކީ 2017 ވަނަ އަހަރުން ފެށިގެން ނިއު ދިއްލީގެ ތިހާރު ޖަލުގައި ބަންދުކޮށްފައި ހުރި އަންހެނެކެވެ.

މީގެ އިތުރުން، އާސިޔާ އަންދަރާބީގެ ފިރިމީހާ އާޝިޤް ޙުސައިން ވެސް ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ހުރީ ޖަލުގައި ބަންދުކޮށްފައެވެ. އޭނާގެ މައްޗަށް 2003 ވަނަ އަހަރު، އުފައްދާފައިވާ މީހަކު މެރުމުގެ މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ.

ހިއްސާ ކުރައްވާ!