ޕަހަލްގަމްގެ ހަމަލައަށް ފަހު ފަތުވެރިކަމުގެ މިސްރާބު ރަނގަޅުވެއްޖެ

ދާދިފަހުން ޕަހަލްގާމްގައި ދިން ހަމަލާއާ ގުޅިގެން ކަޝްމީރުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ފަހަކަށް އައިސް ލިބެމުންދިޔަ ބޮޑު ކުރިއެރުމަށް، ބޮޑު ހީނަރުކަމެއް އަތުވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ޒިޔާރަތްކުރާ ފަތުރުވެރިންނާއި އެ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ. ނަމވެސ ްމިހާރު އަލުން މަސްރަހު ބަދަލުވާން ފަށައިފިއެވެ.

"ދުނިޔޭގެ ސުވަރުގެ" ގޮތުގައި މަޝްހޫރުވެފައިވާ ކަޝްމީރުގެ ވާދީއަށް ގިނަ އަހަރުތަކެއްގެ ހަމަނުޖެހުންތަކަށްފަހު ފަތުރުވެރިން އަންނަ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިގޮތުން ހޮޓާތައް ފުރި، ދާލް ލޭކްގެ ޝިކާރާތައް ހަރަކާތްތެރިވެ، ގުލްމާގާއި ސޯނަމާގް ފަދަ މަންޒިލްތަކަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ.

ޕަހަލްގާމް ހަމަލާއާއެކު އެ ކުރިއެރުން ކުއްލި ގޮތަކަށް ހުއްޓުމަކަށް އައެވެ. ބުކިންތައް ކެންސަލްކޮށް، ފަތުރުވެރިން ވަނީ ވަގުތުން އެ ސަރަހައްދު ދޫކޮށް ދާން ފެށިއެވެ. މީގެ ސަބަބުން ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައިޑުންނާއި، ޑްރައިވަރުންނާއި، ކެފޭތަކުގެ އިތުރުން އަތްތެރި މަސައްކަތްތެރިންނަށް ލިބޭ އާމްދަނީ ވަނީ މެދުކެނޑިފައެވެ.

މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިއީ ހަމައެކަނި އިގްތިސާދީ ގެއްލުމެއް ނޫނެވެ. މިއީ ނަފްސާނީ ގޮތުންވެސް ލިބުނު ބޮޑު ދެރައެކެވެ. މިހާރު އަނެއްކާވެސް އަނިޔާވެރިކަމުގެ ސަބަބުން އެ ސަރަހައްދުގެ ސަގާފަތާއި މެހެމާންދާރީގެ މައްޗަށް ބިރުވެރިކަން ވެރިވެދާނެތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ހުރިހާ ގޮންޖެހުންތަކަކާއެކުވެސް، ކަޝްމީރުގެ އިސް ފަރާތްތަކުން ބުނަނީ ކަޝްމީރުގެ އައިޑެންޓިޓީއަކީ ހަމަނުޖެހުމެއް ނޫން ކަމަށެވެ. އެ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ކަޝްމީރުގެ ރައްޔިތުންނަކީ ކޮންމެފަދަ ދަތި ހާލަތެއްގައިވެސް ކެތްތެރިކަމާއެކު ފަތުރުވެރިންނަށް މަރުހަބާ ކިޔާ ބައެއް ކަމަށެވެ.

ކަޝްމީރުގައި ފަތުރުވެރިކަން އަލުން އާރާސްތުކުރުމަށްޓަކައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ކާރިސާތަކަށް އިޖާބަދޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. އަދި ކަޝްމީރުގެ އަސްލު ސިފަ ދައްކުވައިދޭ ސަގާފީ ފެސްޓިވަލްތަކާއި، ފިލްމު ޓޫރިޒަމް ފަދަ ކަންކަން އަލުން ގެންދަނީ އިންތިޒާމު ކުރަމުންނެވެ.

ހިއްސާ ކުރައްވާ!