ބަންގްލަދޭޝްގެ ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދިޔަ ރިވިއުއަކުން ދައްކާގޮތުގައި، އެ ގައުމުން ކަރަންޓު ގަތުމަށް އަދާނިއާއެކު ވެފައިވާ ދިގުމުއްދަތުގެ އެއްބަސްވުންތަކަކީ އަގުބޮޑު އެއްބަސްވުންތަކެކެވެ. ވާދަވެރި ބިޑިންއަކާ ނުލައި ސޮއިކޮށްފައިވާ މި އެއްބަސްވުންތަކުގެ ސަބަބުން އަހަރަކު އެތައް ބިލިއަން ޑޮލަރެއް އިތުރަށް ހޭދަވާކަމަށާއި، މީގެ ސަބަބުން ސިނާއީ ކުރިއެރުމަށާއި އާންމުންގެ ދިރިއުޅުމުގެ ހަރަދުތަކަށް ނުހަނު ބޮޑަށް އަސަރުކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
މުހައްމަދު ޔޫނުސްގެ ލީޑަޝިޕްގެ ދަށުން އިންތިގާލީ ސަރުކާރުން އައްޔަންކުރި ނޭޝަނަލް ރިވިއު ކޮމިޓީން ނިންމާފައިވަނީ، މި އަގުތައް ބޮޑުވުމަކީ ކޮންޓްރެކްޓް ފަރުމާކޮށްފައިވާ ގޮތުން ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށެވެ. މިއީ ޝައިޚް ހަސީނާގެ 15 އަހަރުވީ ވެރިކަމުގައި ސިޔާސީ ލީޑަރުންނާއި، ބިއުރޯކްރެޓުން އަދި އަމިއްލަ ކުންފުނިތަކުގެ މެދުގައި އޮތް ނިޒާމީ ކޮރަޕްޝަނެއްގެ ނަތީޖާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް އެއްބަސްވުމަކީ އިންޑިއާގެ އަދާނީ ޕަވަރާއެކު ވެފައިވާ އެއްބަސްވުމެވެ. ކޮމިޓީން ބުނާގޮތުގައި ބަންގްލަދޭޝްއިން އަދާނީގެ ކަރަންޓަށް ދައްކަނީ ބާޒާރުގެ އަގަށްވުރެ 50 އިންސައްތަ ބޮޑު އަގެކެވެ. މިއީ ކޮންމެ ކިލޯވޮޓް އަވަރަކަށް 4 އާއި 5 ޔޫއެސް ސެންޓްގެ އިތުރުވުމެކެވެ. މީގެ އިތުރުން ތެލުގެ އަގާއި، ފައިސާގެ އަގަށް އަންނަ ބަދަލުތަކުގެ ހުރިހާ ރިސްކެއް އުފުލަން ޖެހެނީ ބަންގްލަދޭޝްއިން ކަމަށް ރިޕޯޓުގައިވެއެވެ.
މީގެ އިތުރުން ސަމިޓް ގްރޫޕް، އެސް އަލަމް ގްރޫޕް، އަދި ރިލަޔަންސް ޕަވަރާއި ޖަޕާނުގެ ޖޭރާ ގުޅިގެން ހިންގާ މަޝްރޫއުތަކުގައިވެސް ބޮޑެތި އޮޅުވާލުންތަކެއް ހުރިކަން ރިވިއުއިން ވަނީ ފާހަގަކޮށްފައެވެ. މި ކޮންޓްރެކްޓްތަކަކީ އެއްވެސް ހަމަހަމަ ވާދަވެރިކަމެއްގެ ތެރެއިން އައިސްފައިވާ އެއްބަސްވުންތަކެއް ނޫންކަމަށް ކޮމިޓީން ބުނެއެވެ.
ޝައިޚް ހަސީނާގެ ސަރުކާރު ވެއްޓުމަށްފަހު ބާއްވާ ފުރަތަމަ އާންމު އިންތިޚާބަށް މަދު ހަފުތާތަކެއް ބާކީ އޮތްއިރު، މި ހޯދުންތަކާއެކު އިންތިގާލީ ސަރުކާރަށް ވަނީ މި އެއްބަސްވުންތައް އަލުން މުރާޖައާކުރުމަށް ސިޔާސީ ގޮތުން ބޮޑު ޕްރެޝަރެއް ކުރިމަތިވެފައެވެ. ކަމާބެހޭ ފަރާތްތަކުން މިހާރުވެސް ވަނީ ކޮރަޕްޝަންގެ ބޮޑެތި ތަހުގީގުތަކެއް ފަށާފައެވެ. ލަފާކުރެވޭ ގޮތުގައި ކުރީ ސަރުކާރުގެ ދައުރުގައި 234 ބިލިއަން ޔޫއެސް ޑޮލަރު ވަނީ ގައުމުން ބޭރަށް ޣައިރު ގާނޫނީ ގޮތުން ދޮވެލާފައެވެ.






