އީރާނުގެ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާގެ ކޮންގްރެސްއިން ކުރި މަސައްކަތް އަނެއްކާވެސް ނާކާމިޔާބުވެއްޖެ

އީރާނާއެކު ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާގެ ޑިމޮކްރެޓުން ކޮންގްރެސްގެ މަތިގެ ސެނެޓަށް ހުށަހެޅި އިސްލާހު އަނެއްކާވެސް ނާކާމިޔާބުވެއްޖެއެވެ. މިއީ މި ހަނގުރާމަ ހުއްޓުވުމަށް ޑިމޮކްރެޓުން ކުރި 3 ވަނަ މަސައްކަތެވެ.

ސެނެޓުގައި ނެގުނު ވޯޓުގައި މި އިސްލާހު ފާސްނުވީ 47 ވޯޓު ލިބިގެންނެވެ. އިސްލާހާ ދެކޮޅަށް 53 މެންބަރުން ވޯޓު ދެއްވާފައިވެއެވެ. މި ވޯޓަކީ ބޮޑަށް ޕާޓީގެ ރޫހުގައި ނެގުނު ވޯޓަކަށް ވީއިރު، ދެ ފަރާތުންވެސް އެއް މެންބަރަކު ވަނީ ޕާޓީގެ ނިންމުމާ ޚިލާފަށް ވޯޓު ދެއްވާފައެވެ.

ޑިމޮކްރެޓުން މި ވޯޓު ނެގުމަށް މަޖުބޫރު ކުރި ނަމަވެސް، ރިޕަބްލިކަން މެންބަރުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކަށް ތާއީދުކުރާތީ މި ވޯޓުން ނާކާމިޔާބު ވާނެކަން ކުރިންވެސް އޮތީ ބެލެވިފައެވެ. އެމެރިކާގެ ގާނޫނުއަސާސީ ބުނާގޮތުން ހަނގުރާމަ އިއުލާން ކުރުމުގެ ފުރިހަމަ ބާރު އޮންނަނީ ކޮންގްރެސްއަށެވެ. 1974 ވަނަ އަހަރު ފާސްކުރި 'ވޯ ޕަވަރސް ރިޒޮލިއުޝަން' ގެ ދަށުން، ރައީސު މީހާ ހުއްދަ ނެތި ކުރައްވާ އަސްކަރީ ހަރަކާތްތައް ހުއްޓުވުމުގެ ބާރު ކޮންގްރެސްއަށް ލިބިގެންވެއެވެ.

ޑިމޮކްރެޓުން ބޭނުންވަނީ ހަނގުރާމަ އިއުލާން ކުރުމުގައި ކޮންގްރެސްގެ ދައުރެއް އޮންނަންޖެހޭނެ ކަމަށް ރައީސް ޓްރަމްޕް ގަބޫލުފުޅު ކުރެއްވުމަށެވެ. ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާގޮތުގައި އެމެރިކާގެ ގިނަ ރައްޔިތުންނާއި ޑިމޮކްރެޓުން މި ހަނގުރާމައާ ދެކޮޅެވެ.

ޑިމޮކްރެޓިކް ސެނެޓަރު ކްރިސް މާފީ ވިދާޅުވީ، ޓްރަމްޕްގެ ސަރުކާރަށް މި ހަނގުރާމައިގެ ދިފާއުގައި ވާހަކަދައްކައި ސާފުކޮށްދޭން ނޭނގޭ ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ ފަރާތުން ހަނގުރާމައާ ގުޅޭގޮތުން ހެކިބަސް ދޭން އަންނަންދެން ކޮންމެ ހަފްތާއަކު މިފަދަ ވޯޓުތައް ނަގަމުންދާނެ ކަމަށް ޑިމޮކްރެޓުން ވަނީ ބުނެފައެވެ.

ހިއްސާ ކުރައްވާ!