އީރާނާއި އެމެރިކާ އެއް މޭޒަކަށް ގެނައުމަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ސައޫދީ ވަލީ އަހުދަށް އިއްވައިފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ، މިއަދު ހެނދުނު ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާ ފޯނުން ގުޅުއްވައި ވާހަކަދެއްކެވި ކަމަށާއި، ސައުދީއަށް ދާދިފަހުން ދިން ހަމަލާތައް އިސްލާމްއާބާދުން "ހަރުކަށި އިބާރާތުން ކުށްވެރިކުރާ" ކަން އަލުން ހާމަކުރެއްވި ކަމަށެވެ.

އެކްސްގައި ނެރުއްވި ބަޔާނެއްގައި ޝަރީފް ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ ނުތަނަވަސްކަމުގެ ތެރޭގައި ސައުދީ އަރަބިއްޔާއިން ދައްކަމުންދާ "ލާމަސީލު ކެތްތެރިކަމަށް" ތައުރީފު ކުރައްވާ ކަމަށެވެ. އަދި "ހަނގުރާމަވެރި އަމަލުތައް ވަގުތުން ހުއްޓާލުމަށާއި"، ހާލަތު އާންމު ހާލަތަކަށް ރުޖޫޢަކުރުމަށާއި، އިސްލާމީ އުންމަތުގެ މެދުގައި އެއްބައިވަންތަކަން އިތުރުކުރުމަށް ގޮވާލެއްވިއެވެ.

"ސަރަޙައްދީ ސުލްހައާއި ހަމަޖެހުމަށްޓަކައި ޕާކިސްތާނުން ކުރަމުންދާ ޚާރިޖީ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ވެސް އަޅުގަނޑު ވަލީއަހުދަށް އެރުވިން،" އޭނާ ވިދާޅުވިއެވެ.

ޝަރީފްގެ އޮފީހުން ނެރުނު ވަކި ބަޔާނެއްގައި ބުނެފައިވަނީ، ޕާކިސްތާނުން ސުލްހައަށްޓަކައި އިސްނަގައިގެން ކުރާ މަސައްކަތްތަކަށް ވަލީއަހުދު މުޙައްމަދު ވަރަށް ތައުރީފު ކުރެއްވި ކަމަށާއި، ދެ ގައުމުގެ ދެމެދުގައި ގާތް ގުޅުމެއް ބޭއްވުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންނެވި ކަމަށެވެ.

މި ވާހަކަ ކުރިއަށް ގޮސްފައިވަނީ، މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި އެމެރިކާއާއި އީރާނާ ދެމެދު ވާހަކަދެއްކުންތައް ބޭއްވުމަށް މަގުފަހިކޮށްދޭނެ ގައުމެއްގެ ގޮތުގައި ޕާކިސްތާނުން އަމިއްލައަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ. އަންގާރަ ދުވަހު ޝަރީފް ވިދާޅުވީ، "މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް ފުރިހަމަ ހައްލެއް ހޯދުމަށްޓަކައި ބާއްވާ މާނަހުރި އަދި ނަތީޖާ ނެރެވޭނެ މަޝްވަރާތަކުގެ މޭޒުބާނެއްގެ ދައުރު އަދާކުރުމަށް ޕާކިސްތާން އޮތީ ތައްޔާރަށް" ކަމަށެވެ.

ހިއްސާ ކުރައްވާ!