ހަމަލަތައް ހުއްޓާލުމުގެ މަޝްވަރާތައް އަލުން ފެށުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް ރައްދުދެމުން، އީރާނުން ވަނީ ވަރުގަދަ ޝަރުތުތަކެއް ކުރިމަތިކޮށްފައެވެ. އޭގެ ތެރޭގައި ގަލްފުގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކެއް ބަންދުކުރުމަށާއި، ހަނގުރާމައިގައި ލިބުނު ގެއްލުންތަކުގެ ބަދަލު ދިނުމަށާއި، އަދި ދުނިޔޭގެ ތެޔޮ އުފުލާ މުހިންމު މަގު ކަމަށްވާ ހުރުމުޒުގެ ކޮންޓްރޯލް އީރާނަށް ދިނުން ހިމެނެއެވެ.
މީގެ އިތުރުން، އީރާނަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އުވާލުމަށާއި، އިސްރާއީލުން ހިޒްބުالله އާ ދެކޮޅަށް ހިންގާ ހަރަކާތްތައް ހުއްޓާލުމަށްވެސް އީރާނުން ބާރުއަޅައެވެ. ރިޕޯޓްތައް ބުނާގޮތުގައި މި ޝަރުތުތައް ކުރިމަތިކުރުވުމުގެ ފަހަތުގައި އޮތީ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އެވެ.

ފާޅުގައި ހަރުކަށި އުސޫލުތަކެއް ގެންގުޅުނު ނަމަވެސް، ބައެއް ކަންކަމުގައި ދޫދިނުމަށް ތެހެރާނުން ތައްޔާރަށް އޮތްކަމަށް މަސްދަރުތަކުން ބުނެއެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
– ބެލިސްޓިކް މިސައިލް ޕްރޮގްރާމް ފަސް އަހަރަށް މެދުކަނޑާލުން
– ޔުރޭނިއަމް މުއްސަނދިކުރާ މިންވަރު ދަށްކުރުން
– އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ އިންސްޕެކްޝަންތަކަށް ފުރުސަތު ދިނުން
– ހިޒްބުالله އާއި ހަމާސް ފަދަ ސަރަހައްދީ ހަނގުރާމަވެރި ޖަމާއަތްތަކަށް ދޭ އެހީތެރިކަން ކުޑަކުރުން
އީރާނުގެ އަސްކަރީ ތަރުޖަމާނު އިބްރާހީމް ޒުލްފަގާރީ ވަނީ ވޮޝިންޓަނުގެ ވިސްނުމަށް މަލާމާތްކޮށް، "އެމެރިކާ މަޝްވަރާ ކުރަމުންދަނީ އަމިއްލަ ނަފްސާ" ކަމަށް ބުނެފައެވެ. އަދި އީރާނުގެ ސިފައިން ސަރަހައްދީ ހަމަޖެހުން ކަށަވަރުކުރަންދެން، އެމެރިކާގެ އިގްތިސާދީ މަސްލަހަތުތަކަށް ނުރައްކާ ކުރަމުންދާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
ދެ ފަރާތުންވެސް ހަރުކަށިކަމާއި އަދި ހަމައެއާއެކު ދޫދިނުމުގެ ސިގްނަލްތައް ދެމުންދާއިރު، ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަސައްކަތްތައް އަދިވެސް އޮތީ ނޭނގުމެއްގެ ތެރޭގައެވެ.






