ޕާކިސްތާނުގެ އިގުތިސާދީ ހަމަޖެހުން ބިނާވެފައިވަނީ ރެމިޓެންސްގެ މައްޗަށް

ޕާކިސްތާނުގެ މެކްރޯ އިކޮނޮމިކް ހަމަޖެހުން މިހާރު ބިނާވެފައިވަނީ އެ ގައުމުގެ އުފެއްދުންތެރިކަމާއި، އެކްސްޕޯޓް ނުވަތަ އިންވެސްޓްމަންޓްގެ މައްޗަށް ނޫން ކަމަށާއި، އެއީ ބޭރު ގައުމުތަކުގައި މަސައްކަތްކުރާ ޕާކިސްތާނު ރައްޔިތުން ފޮނުވާ ބޭރު ފައިސާ ނުވަތަ ރެމިޓެންސްގެ މައްޗަށް ކަމަށް ދިރާސާތަކުން ދައްކައިފިއެވެ.

މި ރެމިޓެންސް ފައިސާއަކީ އެ ގައުމުގެ ޖީޑީޕީގެ 9 އިންސައްތައާއި 10 އިންސައްތައާ ދެމެދުގެ މިންވަރެކެވެ. މިއީ ދުނިޔޭގެ ބޮޑެތި އިގުތިސާދުތަކާ އަޅާބަލާއިރު ވަރަށް މަތީ އަދަދެކެވެ.

2025 ވަނަ އަހަރު ޕާކިސްތާނަށް ލިބުނު ރެމިޓެންސް 40 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައިވެއެވެ.

މިއީ އެ ގައުމުން ބޭރުކުރާ މުދަލުން ލިބޭ އާމްދަނީއަށްވުރެ ބޮޑު އަދަދެކެވެ. ރެމިޓެންސްގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ފައިސާ ލިބެނީ ސިޔާސީ ގޮތުން ނުތަނަވަސްކަން ބޮޑު ގަލްފު ސަރަހައްދުގެ ގައުމުތަކުންނެވެ. މި ފައިސާގެ ސަބަބުން ބޭރު ފައިސާގެ ރިޒާވް ހަމަޖެހި، ފައިސާގެ އަގު ހިފެހެއްޓިފައިވީ ނަމަވެސް، މިއީ ދެމެހެއްޓެނިވި ކުރިއެރުމެއް ނޫން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އިގުތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި، ޕާކިސްތާނުގެ މިހާރުގެ ކުރިއެރުން ބިނާވެފައިވަނީ ގައުމީ އުފެއްދުންތެރިކަމުގެ ބަދަލުގައި ހަމައެކަނި ގައުމުގެ އެތެރޭގެ ޑިމާންޑުގެ މައްޗަށެވެ. އެކްސްޕޯޓް ކުރާ ދާއިރާތައް އަދިވެސް އޮތީ ފަހަތުގައެވެ. މީގެ އިތުރުން، އިންވެސްޓްމަންޓްތައް މަދުވެ، ވަޒީފާ ނެތް މީހުންގެ އަދަދު އަދިވެސް ހުރީ ވަރަށް މަތީގައެވެ. މިހާރު ފެންނަ ކުރިއެރުމަކީ އޮނިގަނޑަށް ގެނެވުނު އިސްލާހެއްގެ ބަދަލުގައި، އިދާރީ ގޮތުން އެޅި ހަރުކަށި ފިޔަވަޅުތަކެއްގެ ނަތީޖާއެވެ.

ގައުމުގެ އާންމު ރައްޔިތުންނަށް ބަލާއިރު، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުބޮޑުވުމުގެ ސަބަބުން ރައްޔިތުންގެ ތަކެތި ގަތުމުގެ ގާބިލުކަން ވަނީ 2019 ވަނަ އަހަރަށްވުރެ ދަށަށް ގޮސްފައެވެ. އިގުތިސާދީ ތަފާތުކުރުންތައް ބޮޑުވެ، މުއްސަނދިން އަގުބޮޑު ކާރުތައް ގަންނަމުންދާއިރު، އާންމު މާކެޓުގެ މުދަލާއި ދަނޑުވެރިކަމުގެ ސާމާނު، ހާއްސަކޮށް ޓްރެކްޓަރު ފަދަ ތަކެތި ވިކޭ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

އައިސީޓީ ދާއިރާއިން ކުޑަ ކުރިއެރުމެއް ލިބުނު ނަމަވެސް، އެކްސްޕޯޓް ސިންދަފާތު ކުރުމުގައި ޕާކިސްތާނަށް ވަނީ ނާކާމިޔާބުވެފައެވެ. އެ ގައުމުގެ މައިގަނޑު އެކްސްޕޯޓް ކަމަށްވާ ޓެކްސްޓައިލް ދާއިރާއަށް އެމެރިކާގެ ޓެރިފްތަކާއި ޔޫރަޕްގެ ވާދަވެރިކަމުގެ ސަބަބުން ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މީގެ އިތުރުން މެދުއިރުމައްޗަށް ބަރޯސާވެފައި އޮތުމަކީ ޖިއޯޕޮލިޓިކަލް ގޮތުން އޮތް ބޮޑު ނުރައްކަލެކެވެ.

ރެމިޓެންސްގެ ސަބަބުން ޕާކިސްތާނަށް ވަގުތީ ރާހަތެއް ލިބުނު ނަމަވެސް، އިގުތިސާދީ އޮނިގަނޑަށް ބަދަލު ނުގެނެސްފިނަމަ، ރެމިޓެންސް މަދުވާ ދުވަހަކުން އެ ގައުމު އަނެއްކާވެސް ބޮޑު އިގުތިސާދީ ކާރިސާއެއްގެ ތެރެއަށް ވެއްޓުމުގެ ބިރު އޮތް ކަމަށް ބުނެއެވެ.

ހިއްސާ ކުރައްވާ!