އަމާނާތްތެރިކަން ފާހަގަކޮށް، ކުނިކަހާ އަންހެނަކަށް ރަޖްނީކާންތު ރަން ފަށެއް ހަދިޔާކޮށްފި

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ރަޖްނީކާންތު، ކުނިކަހާ އަންހެނެއްގެ އަމާނާތްތެރިކަން ފާހަގަކޮށް އޭނާއަށް ރަން ފަށެއް ހަދިޔާކޮށްފިއެވެ. މި އަންހެން މީހާއަށް ރަޖްނީކާންތު ހަދިޔާ ދީފައިވަނީ އޭނާއަށް ފެނުނު އަގުބޮޑު ގަހަނާތަކެއް ފުލުހުންނާ ހަވާލުކުރުމާ ގުޅިގެންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މިދިޔަ މަހު ޗެންނާއީގެ ފައްޅިއެއް ކައިރިން މަގުކަހަން އުޅުނު ޕަދްމާ ނަމަކަށް ކިޔާ މި އަންހެން މީހާއަށް ވަނީ ރަން ގަހަނާތަކުން ފުރިފައިވާ ދަބަހެއް ފެނިފައެވެ. އޭނާ ވަނީ އެ ދަބަސް ނެގުމަށްފަހު ވަގުތުން ފުލުހުންނާ ހަވާލުކޮށްފައެވެ. ފުލުހުން ވަނީ އެ ތަކެތީގެ ވެރިފަރާތް ހޯދައި، ގަހަނާތައް ރައްދުކޮށްދީފައެވެ.

ޕަދްމާގެ މި ނަމޫނާ އަމާނާތްތެރިކަން ފާހަގަކޮށް، ޓަމިލްނާޑޫގެ ޗީފް މިނިސްޓަރު ވެސް ވަނީ އޭނާއަށް އެއްލައްކަ އިންޑިއަން ރުޕީސްގެ އިނާމެއް ދެއްވާފައެވެ. މި ޚަބަރު މީޑިއާތަކުގައި ފެތުރުމާއެކު، ސައުތު އިންޑިއާގެ ސުޕަރސްޓާރ ރަޖްނީކާންތު ވަނީ ޕަދްމާއަށް އޭނާގެ ދިރިއުޅޭ ގެއަށް ދައުވަތު ދީފައެވެ.

މި ބައްދަލުވުމުގައި ރަޖްނީކާންތު ވަނީ ޕަދްމާގެ ތެދުވެރިކަމަށް ތައުރީފުކޮށް، އޭނާއަށް ރަން ފަށެއް ހަދިޔާކޮށްފައެވެ. ރަޖްނީކާންތުގެ ޓީމުން ވަނީ މި ބައްދަލުވުމުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މި ފޮޓޯތަކާއެކު ގިނަ ބަޔަކު އަންނަނީ ރަޖްނީކާންތުގެ ދީލަތިކަމަށާއި ޕަދްމާގެ އަމާނާތްތެރިކަމަށް ސޯޝަލް މީޑިއާގައި ތައުރީފު ކުރަމުންނެވެ.

ހިއްސާ ކުރައްވާ!