ޒުވާނުން ކެމްބޯޑިއާއަށް ގެންގޮސް ވިއްކާލަމުންދިޔަ ހަ މީހުންގެ މައްޗަށް އެކުލެވޭ ނުރައްކާތެރި ގްރޫޕެއް ޕާކިސްތާނުގެ ގުޖްރަންވާލާގައި، ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީ (އެފްއައިއޭ) އިން އަތުލައިގަނެފިއެވެ.
އެފްއައިއޭގެ ޑެޕިއުޓީ ޑައިރެކްޓަރު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ގްރޫޕުގައި ހިމެނޭ ހަ މީހުންގެ ތެރެއިން ދެ މީހަކު ތިބެނީ ކެމްބޯޑިއާގައެވެ. އަދި ޕާކިސްތާނުގައި ތިބޭ ހަތަރު މީހުންގެ މަސައްކަތަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކެމްބޯޑިއާގެ ކޯލް ސެންޓަރުތަކުން ވަޒީފާ ދޭނެ ކަމަށް ބުނެ އިޝްތިހާރުކޮށްގެން ޒުވާނުން މަޅީގައި ޖެއްސުމެވެ.
މި ގްރޫޕުން މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ތައުލީމީ ގޮތުން ގާބިލް، ކޮމްޕިއުޓަރުގެ ހުނަރު ހުންނަ ޒުވާނުންނަށެވެ. ކެމްބޯޑިއާގައި ތިބޭ މީހުން، މިގޮތަށް ގެންދާ ކޮންމެ މީހެއްގެ ބޯލަށް 2،000 އެމެރިކާ ޑޮލަރު ނަގާ ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ.
އެފްއައިއޭ އިން ހާމަކުރި ގޮތުގައި، ކެމްބޯޑިއާއަށް ގެންދާ ޕާކިސްތާނު މީހުން ބައިތިއްބަނީ ރަހީނުކޮށް ކުށްވެރިންގެ ގޮތުގައެވެ. އަދި އެމީހުން ލައްވާ މަޖުބޫރުން އޮންލައިން ސްކޭމްތައް ހިންގުވާއިރު، އެ މަސައްކަތް ކުރަން އިންކާރު ކުރާ މީހުންނަށް ބޮޑެތި އަނިޔާތަކެއް ކުރާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މިހާތަނަށް މި ގްރޫޕުން 100 އަށްވުރެ ގިނަ ޕާކިސްތާނު ޒުވާނުން ކެމްބޯޑިއާއަށް ފޮނުވާފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ. މި މައްސަލައިގައި ހިމެނޭ އިތުރު މީހުން ހޯދުމުގެ މަސައްކަތް އެފްއައިއޭ އިން ދަނީ ކުރަމުންނެވެ.






