4،000 އަށްވުރެ ގިނަ ޑޮކްޓަރުން ޕާކިސްތާން ދޫކޮށް ހިނގައްޖެ

އުޖާލާ މުސްތަޤުބަލެއް ހޯދުމަށްޓަކައި 2025 ވަނަ އަހަރުގެ ތެރޭގައި ޕާކިސްތާނުގެ 4،000 އެއްހާ ޑޮކްޓަރުން އެޤައުމު ދޫކޮށް ބޭރަށް ހިނގައްޖެއެވެ. މިއީ އެޤައުމުގެ ތާރީޚުގައިވެސް މިހާ ގިނަ އަދަދެއްގެ ޑޮކްޓަރުން އެއް އަހަރެއްގެ ތެރޭގައި ޤައުމު ދޫކޮށް ދިޔަ ފުރަތަމަ ފަހަރެވެ.

ބިއުރޯ އޮފް އިމިގްރޭޝަންގެ ތަފާސްހިސާބުތަކަށް ބިނާކޮށް ގެލަޕް ޕާކިސްތާނުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ވޭތުވެދިޔަ އަހަރު 3،800 އާއި 4،000 އާ ދެމެދުގެ އަދަދަކަށް ޑޮކްޓަރުން ވަނީ ބޭރަށް ހިޖުރަކޮށްފައެވެ. މިއީ ކުރީ އަހަރުތަކާ އަޅާބަލާއިރު ރެކޯޑް އަދަދެކެވެ.

މި ސާވޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފާއިތުވި 30 އަހަރުގެ ތެރޭގައި ޕާކިސްތާން ދޫކޮށްދާ ޑޮކްޓަރުންގެ އަދަދު އަހަރަކު އެތައް ސަތޭކައެއްގައި ހިފެހެއްޓިފައި އޮތް ނަމަވެސް، 2010 ވަނަ އަހަރަށްފަހު މި އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ. އަދި 2025 ވަނަ އަހަރަކީ މި ހިޖުރަކުރުން އެންމެ މައްޗަށް ދިޔަ އަހަރެވެ.

ޑޮކްޓަރުން ޤައުމު ދޫކޮށް ދިއުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މަސައްކަތުގެ މާހައުލު ރަނގަޅު ނުވުމާއި، ކުރިއަށްދާނެ ފުރުޞަތުތައް މަދުވުމާއި، ސަލާމަތީ ގޮތުން ހުރި ނުރައްކާތަކުގެ އިތުރުން އާއިލާއާއެކު ރަނގަޅު ފެންވަރެއްގެ ދިރިއުޅުމެއް ހޯދުން ހިމެނެއެވެ.

މީގެ އިތުރުން، ބައިނަލްއަޤުވާމީ ބާޒާރުގައި ސިއްޙީ މާހިރުންނަށް އޮތް ބޮޑު ޑިމާންޑަކީވެސް ޕާކިސްތާނުގެ ޑޮކްޓަރުން ބޭރު ޤައުމުތަކަށް ދިއުމަށް ލިބޭ ބޮޑު ހިތްވަރެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!