ބީއެލްއޭ އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމަށް ގޮވާލައިފި

ޕާކިސްތާނުގައި މަނާކޮށްފައިވާ ބަލޮޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އދ. ގެ ސަލާމަތީ މަޖިލީހުގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ ލިސްޓުގައި ހިމެނުމަށް ޕާކިސްތާނުން ބުދަ ދުވަހު ގޮވާލައިފިއެވެ. ޕާކިސްތާނުން މިކަމަށް އެދިފައިވަނީ ބީއެލްއޭ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމުގެ މައްސަލަ ސަލާމަތީ މަޖިލީހުން މިހާރުވެސް ދިރާސާކުރަމުންދާ ދަނޑިވަޅެއްގައެވެ.

އދ. އަށް ޕާކިސްތާނުން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ސަފީރު އާސިމް އިފްތިޚާރު އަހުމަދު، ސަލާމަތީ މަޖިލީހުގައި ވިދާޅުވީ، 1267 ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން ބީއެލްއޭ ލިސްޓުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ކައުންސިލުން އަވަސް ފިޔަވަޅުތަކެއް އަޅާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ބަލޮޗިސްތާނުގައި ދާދިފަހުން ދިން ހަމަލާތައް ކުށްވެރިކޮށް ބަޔާނެއް ނެރުއްވި ކަމަށްޓަކައި ސަލާމަތީ މަޖިލީހުގެ މެންބަރުންނަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

ސަފީރު އަހުމަދު ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް ކުރާ ބައިނަލްއަގުވާމީ މަސައްކަތުގައި ޕާކިސްތާނުން ބޮޑު ގުރުބާނީއެއް ވެފައިވާ ކަމަށެވެ.

"ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގެ ކުރީ ސަފުގައި އޮތް ގައުމެއްގެ ގޮތުން، އަޅުގަނޑުމެން ވަނީ ލެޔާއި މުދަލުން ގުރުބާނީތަކެއް ވެފައި – ފާއިތުވި އަހަރުތަކުގައި 90،000 އަށްވުރެ ގިނަ މީހުން މަރުވެ، އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އަފްޣާނިސްތާނުގައި ތާލިބާނުން ވެރިކަމާ ހަވާލުވި ފަހުން ސަލާމަތީ މަސްރަހު ގޯސްވެފައިވާކަން ފާހަގަކުރައްވަމުން، ބޭރުގެ އެހީތެރިކަމާއެކު ހަރަކާތްތެރިވާ ބީއެލްއޭ ފަދަ ޖަމާއަތްތަކުން އަފްޣާނިސްތާނުގެ ފަސްގަނޑު ބޭނުންކޮށްގެން ޕާކިސްތާނަށް ހަމަލާތައް ދެމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ނިމިދިޔަ ހަފްތާ ބަންދުގައި ބަލޮޗިސްތާނުގެ އެކި ސަރަހައްދުތަކަށް ބީއެލްއޭ އިން ދިން ހަމަލާތަކުގައި 48 މީހުން މަރުވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ފަސް އަންހެނުންނާއި ތިން ކުޑަކުދިން ހިމެނޭ ކަމަށް ސަފީރު ވިދާޅުވިއެވެ. ނަމަވެސް ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ދިން ރައްދު ހަމަލާތަކުގައި ބީއެލްއޭގެ 145 ޓެރަރިސްޓުން މަރާލާފައިވާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ބީއެލްއޭ އާއި އެ ޖަމާއަތުގެ މަޖީދު ބްރިގޭޑް ބައިނަލްއަގުވާމީ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުގައި ހިމަނާފައެވެ.

ހިއްސާ ކުރައްވާ!