އިސްލާމްއާބާދުގައި ހުންނަ ޖައުފަރީ ފިޤުހުގެ ޝީޢީންގެ މިސްކިތަކަށް މިއަދު ދިން ބޮމުގެ ހަމަލާއެއްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގައި ޒަޚަމްވި މީހުންގެ އަދަދު މިހާރު ވަނީ 80 އަށްވުރެ މައްޗަށް އަރާފައެވެ. މި ހަމަލާ ދީފައިވަނީ މިއަދުގެ ހުކުރު ނަމާދު ވަގުތުގައި ކަމަށް ފުލުހުންގެ އިސް އޮފިޝަލެއް ކަމަށްވާ ޒަފަރު އިޤްބާލް ވަނީ ކަށަވަރުކޮށްދީފައެވެ.
"އަޅުގަނޑުމެން ވާނީ ގިނަ އަދަދެއްގެ ބަޔަކު ހޮސްޕިޓަލަށް ގެންގޮސްފައި. މި ވަގުތު މަރުވި މީހުންގެ ސީދާ އަދަދު ބުނަން ދަތިވި ނަމަވެސް، މި ހާދިސާގައި މީހުން މަރުވެފައިވާކަން ކަށަވަރު،" ޒަފަރު އިޤްބާލް ވިދާޅުވިއެވެ.
ސަލާމަތީ ބާރުތަކުގެ އިސް އޮފިޝަލަކު ނަން ހާމަނުކުރުމަށް އެދި އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާތަނަށް ލިބިފައިވާ ރިޕޯޓްތަކަށް ބަލާއިރު 11 މީހަކު މަރުވެ، 20 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
ފުލުހުންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި މި ގޮވުމަކީ ކޮން ބާވަތެއްގެ ގޮވުމެއްކަން އަދި ސާފެއް ނުވެއެވެ. މި ހާދިސާއާ ގުޅިގެން އިތުރު ތަހުގީގުތައް މިހާރު ދަނީ ކުރިއަށެވެ.







