ވެރިކަމާ ހަވާލުވިފަހުން 21,174 ވަޒީފާގެ ފުރުސަތު އުފައްދައިފި: ރައީސް

މި ސަރުކާރު ވެރިކަމާ ހަވާލުވި 17 ނޮވެމްބަރު 2023 އިން ފެށިގެން މިއަދާ ހަމައަށް ރާއްޖޭގެ އިޤްތިޞާދުގައި 21,174 ވަޒީފާގެ ފުރުސަތު އަލަށް އުފައްދާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ބުރާސްފަތި ދުވަހު އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވާ ސިންދަފާތުކުރުމަށް ތައުލީމީ ޤާބިލް ދިވެހި ޒުވާނުންނާއި އެކި އުމުރު ފުރާގެ ދިވެހިން އިތުރު ކުރުމަށް ކަނޑައަޅާ ތަންފީޒުކުރަމުންދާ ސިޔާސަތުތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ. އެގޮތުން އުފެދުނު ވަޒީފާތަކުގެ ތެރޭގައި ޕްރައިވެޓް ސެކްޓަރގައި އުފެދުނު 6,724 ވަޒީފާ ހިމެނޭ ކަމަށް ޕެންޝަން އޮފީހުން މައުލޫމާތު ދީފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޭޝިއަރުންގެ ވަޒީފާ ހަމައެކަނި ދިވެހިންނަށް

ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާ މުހިންމު ނިންމުމެއް އިޢުލާން ކުރައްވަމުން ރައީސް ވިދާޅުވީ،

"މިއަދުން ފެށިގެން 12 މަސް ދުވަސް ފަހުން، 5 ފެބްރުއަރީ 2027 އިން ފެށިގެން، ކޭޝިއަރުންގެ ގޮތުގައި ރާއްޖޭގެ އެއްވެސް ހިސާބެއްގައި ތިބެވޭނީ ހަމަ އެކަނި ދިވެހީންނަށް ކަމުގައި، ކެބިނެޓުގައި މަޝްވަރާކޮށް، ނިންމާފައިވާކަން އިޢުލާންކުރަން،" ކަމަށެވެ.

މި ނިންމުމުގެ ސަބަބުން ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 25,000 އިތުރު ވަޒީފާގެ ފުރުސަތު ދިވެހިންނަށް ފަހިވެގެންދާނެ ކަމަށް ރައީސް ލަފާކުރެއްވިއެވެ. މިއީ ދިވެހި އިޤްތިޞާދުގައި ދިވެހިންގެ ހިއްސާ އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

މި އަމާޒު ކާމިޔާބު ކުރުމަށްޓަކައި ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި މީހުން ބިނާކުރުމާއި، ވަޒީފާއަށް ފަރުވާތެރިކަން ބެހެއްޓުމާއި، ވަޒީފާގެ އަޚްލާޤާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިޔަފާރިވެރިންނާ ގުޅިގެން މި ބަދަލަށް ތައްޔާރުވުމަށް ދެވެން ހުރި އެންމެހާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް