2027 ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިއަރ": ރައީސުލްޖުމްހޫރިއްޔާ

2027 ވަނަ އަހަރަކީ ރާއްޖެއަށް ޒިޔާރަތްކުރުމުގެ "ވިޒިޓް މޯލްޑިވްސް އިއަރ" އަހަރުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިޢުލާން ކުރައްވައިފިއެވެ. ރައީސް މިކަން އިޢުލާން ކުރެއްވީ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ފާއިތުވެދިޔަ އަހަރަކީ ފަތުރުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ އަހަރެއް ކަމަށެވެ. އެގޮތުން، މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖެއަށް 2,246,516 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 9.8 އިންސައްތައިގެ ކުރިއެރުމެކެވެ.

އާމްދަނީއާއި ކުރިއެރުން

އާމްދަނީގެ ގޮތުން ބަލާއިރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ފަތުރުވެރިކަމުގެ ސިނާޢަތުން 5.55 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 13.8 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެއިތުރުން، މިއަހަރު ފަތުރުވެރިކަމުން 5.6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެކަމަށް އެމް.އެމް.އޭ އިން އަންދާޒާކުރާއިރު، ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.5 މިލިއަނަށް އިތުރުކޮށް، 11.3 އިންސައްތައިގެ ކުރިއެރުމެއް ހޯދުމެވެ.

2027 ވަނަ އަހަރު "ވިޒިޓް މޯލްޑިވްސް އިއަރ" ގެ ގޮތުގައި ކަނޑައެޅުއްވި މަޤްޞަދާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ރާއްޖެ އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަކީ އެންމެން ޝާމިލުވާ ޤައުމީ މަސައްކަތެއްގެ ގޮތުގައި ހެއްދެވުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށެވެ. ރައީސް ވިދާޅުވީ،

"މިއީ، ފަތުރުވެރިކަމުގެ ސިނާޢަތާ ސީދާގޮތުންނާއި ނުސީދާގޮތުން ގުޅިފައިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެންމެހާ ފަރާތްތައް ގުޅިގެން އިރާދަކުރެއްވިއްޔާ ހިންގާނޭ ގައުމީ ބޮޑު ޙަރަކާތަކަށް ވާނެ" ކަމަށެވެ.

މި ބޮޑު ޙަރަކާތާއެކު ރާއްޖޭގެ ފަތުރުވެރިކަން އައު އުސްމިންތަކަކަށް ވާސިލުވެ، ޤައުމީ އިޤްތިޞާދަށް އޭގެ އެދެވޭ ފައިދާ ކުރާނެ ކަމަށް ސަރުކާރުން އުއްމީދު ކުރައްވައެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް