ދިވެހީންގެ މާތް އަޚްލާޤާއި އަދަބުވެރި ގޮތްތައް އިޔާދަކުރުމަށްޓަކައި "އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢެއް" މިއަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސް ވިދާޅުވީ، ބިނާތަކާއި އިމާރާތްތަކަކީ ތަރިކައިގެ މާއްދީ ބައި ކަމުގައިވީ ނަމަވެސް، ތަރިކައިގެ މާނަވީ ބައި އިޔާދަކުރުމަށް މިއަހަރު ޚާއްޞަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. މިގޮތުން، ދިވެހިންގެ ރީތި އުޅުމާއި ގުޅުންތައް ތަރައްޤީކުރުމަށްޓަކައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ޤައުމީ ކެމްޕޭނެއް ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫޢުތަކަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެއްވަމުން ރައީސް ވިދާޅުވީ،
"ދިވެހި ޤައުމީ ރަމްޒުތަކުގެ ބިލާއި" އަދި "ދިވެހި ތަރިކައިގެ ކޮލެޖުގެ ބިލު" މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.
ޒުވާން ޖީލުގެ އަޚްލާޤަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން "ބިންގާ" ގެ ނަމުގައި ތަރުބަވީ ޚާއްޞަ ޕްރޮގްރާމެއް މިހާރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފަށާފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ތާރީޚުގައި މިފަދަ ޕްރޮގްރާމެއް މުޅި އަހަރަށް ބަހާލައިގެން ހިންގާ ފުރަތަމަ ފަހަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުން މިކަންކަމަށް އިސްކަންދޭ ސަބަބު ބަޔާންކޮށްދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހީންގެ ސަގާފީ މިނިވަންކަމާއި ރަށްތަކުގެ މިލްކުވެރިކަން ސާބިތުކޮށްދޭ އެންމެ ބޮޑު ބާރަކީ ދިވެހި ބަހާއި ސަގާފަތް ކަމަށެވެ. އެހެންކަމުން، ދިވެހި ޤައުމީ ވަކިވަންތަކަން ހިމާޔަތްކޮށް، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ވަރުބަލިވުމެއްނެތި ކުރައްވާނެ ޤައުމީ ވާޖިބެއް ކަމަށް ރައީސް ވިދާޅުވިއެވެ.

