ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް ރާއްޖެއިން ގެންގުޅޭ ހަރުކަށި ސިޔާސަތު އާކޮށްފި

ދުނިޔޭގެ ފެންވަރުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ނެޓްވޯކްތަކާ ދެކޮޅަށް ދިވެހި ސަރުކާރުން ގެންގުޅޭ ހަރުކަށި ސިޔާސަތު އިތުރަށް ވަރުގަދަކޮށް، މަނާކޮށްފައިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދާހަމަކުރައްވައިފިއެވެ. މިއީ ސަރަހައްދީ ސަލާމަތީ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން، ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ރާއްޖޭގެ ސިޔާސަތުތައް ފެއްތުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ނަންބަރު 32/2015) ގެ 18 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ނެރުއްވި މި ލިސްޓު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. މި ނިންމުމަކީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގައި މަޝްވަރާކުރުމަށްފަހު، ރާއްޖޭގެ ތަންފީޒީ ނިޒާމުތައް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްކުރުމަށް ނިންމި ނިންމުމެކެވެ. މީގެ ބޭނުމަކީ ހަރުކަށި ފިކުރު ފެތުރުމާއި ޓެރަރިޒަމަށް ފަންޑުކުރުން ހުއްޓުވުމުގައި ރާއްޖެއަކީ އިތުބާރު ހުރި ބައިވެރިއެއްކަން ބައިނަލްއަގުވާމީ މުޖުތަމައަށް ހާމަކޮށްދިނުމެވެ.

Maldives Renews Hardline Stance Against Global Terror Networks

2026 ވަނަ އަހަރަށް އަމާޒުކޮށް އެކުލަވާލި މި ރެޖިސްޓްރީގައި ޖުމްލަ 19 ޖަމާއަތެއް ހިމެނެއެވެ. މީގެ ތެރޭގައި ދުނިޔޭގެ ފެންވަރުގައި ހަރަކާތްތެރިވާ ބޮޑެތި ނެޓްވޯކްތަކާއި، ދެކުނު އޭޝިއާ، މެދުއިރުމަތި އަދި އެފްރިކާ ސަރަހައްދުގައި ހަރަކާތްތެރިވާ ގޮފިތައް ހިމެނެއެވެ.

މަނާކުރެވިފައިވާ މައިގަނޑު ޖަމާއަތްތައް:

ސަރުކާރުން އާންމުކުރި ލިސްޓުގައި ހިމެނޭ ބައެއް މުހިންމު ޖަމާއަތްތަކުގެ ތެރޭގައި އަލްގައިދާ (AQ)، އިސްލާމިކް ސްޓޭޓް (ISIS/Daesh)، ޖަބްހަތުއް ނުސްރާ (JN)، އަދި އަބޫ ސައްޔާފް ގްރޫޕް (ASG) ހިމެނެއެވެ. މީގެ އިތުރުން ސަރަހައްދީ ގޮތުން ފާހަގަކޮށްލެވޭ ލަޝްކަރޭ ތައިބާ (LeT)، ތަހްރީކޭ ތާލިބާނޭ ޕާކިސްތާން (TTP)، އަދި 2019 ވަނަ އަހަރު ސްރީލަންކާއަށް ދިން އީސްޓާ ސަންޑޭ ހަމަލާއާ ގުޅުން އޮތް ނޭޝަނަލް ތައުހީދު ޖަމާއަތް (NTJ) ވެސް މި ލިސްޓުގައި ހިމެނެއެވެ.

ސަރުކާރުގެ މި ފިޔަވަޅަކީ ރާއްޖޭގެ ސަލާމަތީ އޮނިގަނޑު ހަރުދަނާކޮށް، ބައިނަލްއަގުވާމީ ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ރާއްޖޭގެ ބައިވެރިވުން އޮތްކަން ހާމަކޮށްދޭ މުހިންމު ފިޔަވަޅެކެވެ.

މި ލިސްޓުގައި ހިމެނޭ އެހެނިހެން ޖަމާއަތްތަކުގެ ތެރޭގައި އަލްގައިދާގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ގޮފިތަކާއި، ބޯކޯ ހަރާމް، އަލް ޝަބާބް، ޖަމާއަތުލް މިލްލަތު އިބްރާހީމް (JMI)، އަދި ޖަމާއާ އަންސާރުއް ދައުލާ (JAD) ފަދަ ޖަމާއަތްތައް ހިމެނެއެވެ. މި ލިސްޓުގައި ހިމެނޭ ގިނަ ޖަމާއަތްތަކަކީ 2019 ވަނަ އަހަރުން ފެށިގެން ތަކުރާރުކޮށް މަނާކުރެވިފައިވާ ލިސްޓުގައި ހިމެނެމުންދާ ޖަމާއަތްތަކެކެވެ.

ނަމަވެސް ސަރަހައްދުގެ މުހިންމު ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ބަލޯޗް ލިބަރޭޝަން އާމީ ހިމެނިފައި ނުވާކަން ފާހަގަ ކުރެވެއެވެ.

 

ހިއްސާ ކުރައްވާ!