ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ ބޭރުގައި ހުންނަ އިމާމް ބާގާ ގަސްރޭ ޚަދީޖަތުލް ކުބްރާ މިސްކިތަށް އަމާޒުކޮށް ދިން ވަރުގަދަ ބޮމުގެ ހަމަލާގެ ޒިންމާ ހަރުކަށި ފިކުރުގެ އައިސިސް ޖަމާއަތުން އުފުލައިފިއެވެ. ހުކުރު ނަމާދުގެ ވަގުތުގައި ދިން މި ހަމަލާގައި މިހާތަނަށް 31 މީހުން މަރުވެ، 169 މީހުން ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ހަމަލާއަކީ 2008 ވަނަ އަހަރު މެރިއޮޓް ހޮޓަލަށް ދިން ބޮމުގެ ހަމަލާއަށްފަހު އިސްލާމްއާބާދުގައި ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ. ސަލާމަތީ ބާރުތަކުން މައުލޫމާތު ދޭ ގޮތުގައި، އަމިއްލައަށް ޖާނުގޮއްވާލައި ކުފުރު މަރެއް މަރުވެގެން ހަމަލާދިން މީހާ މިސްކިތުގެ ގޭޓުން ހުއްޓުވުމުން އޭނާ ވަނީ ހަށިގަނޑުގައި ހަރުކޮށްފައިވާ ގޮވާތަކެއްޗާއެކު ގޮއްވާލާފައެވެ. މަންޒަރު ދުށް އިމްރާން މަހްމޫދު ބުނި ގޮތުގައި، ހަމަލާދިން މީހާއާއި މިސްކިތުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިބި ވޮލަންޓިއަރުންނާ ދެމެދު ބަޑީގެ ހަމަލާތަކެއް ބަދަލުކުރެވުނެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ މި ހަމަލާގެ ފަހަތުގައި ތިބި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި ނައިބު ބޮޑުވަޒީރު އިސްހާގް ދާރު މި ހަމަލާ ސިފަކުރެއްވީ އިންސާނިއްޔަތާ ހިލާފު، އިސްލާމީ އުސޫލުތަކާ ކަނޑައެޅިގެން ހިލާފު ފިނޑި އަމަލެއްގެ ގޮތުގައެވެ. މި ހަމަލާގައި މަރުވި މީހުންގެ ޖަނާޒާ މިއަދު ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަމަލާއާ ގުޅިގެން އާއިލާއެއްގެ 4 މީހަކު ވަނީ މިހާރު ހައްޔަރުކޮށްފައެވެ. އޭގައި އަންހެނުންވެސް ހިމެނެއެވެ.
އައިސިސް ޖަމާއަތަކީ އިރާގާއި ސީރިއާގައި އުފެދި، ފަހުން އަފްޣާނިސްތާނާއި ޕާކިސްތާނުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާ ގްރޫޕެކެވެ. މި ހަމަލާ ދީފައިވަނީ ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން އަފްޣާނިސްތާނާ އިންވެގެންވާ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ.
ޕާކިސްތާނަކީ ސުންނީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމަކަށްވާއިރު، އާބާދީގެ 10 އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ އަދަދަކަށް ހިމެނޭ ޝީއީ މަޒުހަބުގެ މުސްލިމުންނަށް އަމާޒުކޮށް މީގެ ކުރިންވެސް އެކި ސަރަހައްދުތަކުގައި ހަމަލާތައް ދީފައިވެއެވެ.







