މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އިގްތިސާދީ، އިންސާނީ އަދި ސަލާމަތީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމަށް ވިދާޅުވެ، އެކަންކަމުން އަރައިގަތުމަށް ޑިޕްލޮމެސީއާއި، ކެތްތެރިކަމާއި، އެއްބައިވަންތަކަން އިސްކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގޮވާލައްވައިފިއެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ، ލޯކް ސަބާގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ، ތިން ހަފުތާއަށްވުރެ ގިނަ ދުވަސްވެފައިވާ މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ހަމަޖެހުމަށާއި، މުދާ އުފުލުމުގެ ނިޒާމަށާއި އިންސާނީ ފުރާނައަށް ނުރައްކާވަމުންދާ ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލައި މަޝްވަރާގެ މަގު އިސްކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ބާރުއަޅަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މެދުއިރުމަތީގެ ގައުމުތަކުގައި އިންޑިއާގެ 10 މިލިއަނަށްވުރެ ގިނަ ރައްޔިތުން ދިރިއުޅެމުންދާއިރު، އެ ސަރަހައްދުގެ ހަމަޖެހުމަކީ އިންޑިއާއަށް ނުހަނު މުހިންމު ކަމެއްކަމަށް މޯދީ ވިދާޅުވިއެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން އިންޑިއާގެ ގައުމީ ސަލާމަތާއި އިގްތިސާދަށް އަސަރުކުރަމުންދާތީ، ބައިނަލްއަގުވާމީ މައިދާނުގައި އިންޑިއާގެ އަޑު އުފުލުމަށްޓަކައި ސިޔާސީ ގޮތުން އިންޑިއާ އެއްގަލަކަށް އެރުމަށް އެދިވަޑައިގެންނެވިއެވެ.
ހަމަނުޖެހުން ހިނގަމުންދާ ސަރަހައްދުތަކުގައި ތިބި އިންޑިއާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ބޮޑުވަޒީރު ވިދާޅުވީ، މިހާތަނަށް 375,000 އަށްވުރެ ގިނަ ރައްޔިތުން ރައްކާތެރިކަމާއެކު ގައުމަށް ގެނެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި އީރާނުގައި ތިބި 700 އަށްވުރެ ގިނަ މެޑިކަލް ދަރިވަރުންވެސް ހިމެނެއެވެ. "ސަރުކާރުން މިކަމުގައި އޮތީ ވަރަށް ހޭލުންތެރިކަމާއެކު، ކޮންމެ ފަދަ އެހީތެރިކަމެއް ފޯރުކޮށްދޭންވެސް ތައްޔާރަށް،" މޯދީ ވިދާޅުވިއެވެ.
މީގެ އިތުރުން، ހަމަނުޖެހުންތަކުގެ ސަބަބުން ގަލްފު ގައުމުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސީބީއެސްއީ އިމްތިހާނުތައް ކެންސަލްކޮށް، ދަރިވަރުންގެ ތައުލީމީ މުސްތަގުބަލު ރައްކާތެރިކުރުމަށް ބަދަލު އިންތިޒާމުތަކެއް ހަމަޖައްސަމުންދާކަންވެސް ބޮޑުވަޒީރު ކަށަވަރުކޮށްދެއްވިއެވެ.
ހަކަތައިގެ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ، ދުނިޔޭގެ ތެލާއި ގޭސް ސަޕްލައިކުރާ މުހިންމު މަގެއް ކަމަށްވާ ހުރުމުޒްއަށް ބުރޫއަރާފައިވީ ނަމަވެސް، އިންޑިއާއަށް ބޭނުންވާ ތެލާއި ގޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. އަދި އިންޑިއާގެ އަމިއްލަ އުފެއްދުންތެރިކަން އިތުރުކޮށް، ހަކަތަ ހޯދާ މަސްދަރުތައް އިތުރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.



