ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓުންނަކީ ބަސް މަދުކޮށް އަމަލުން ކަންކަން ދައްކާނެ "ފަހުލަވާނުން" ކަމަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މާލޭގެ ރައީސާގެ މަގާމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް އަލްއުސްތާޒާ އާޝިޔަތު އަލައިކާ ޢަދުނާން ވިދާޅުވެއްޖެއެވެ. އަލައިކާ މިހެން ވިދާޅުވީ މިރޭ ބޭއްވި އޭނާގެ ކެމްޕެއިން އޮފީސް ހުޅުވުމުގެ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި އަލައިކާ ވަނީ އަންހެނުން ބާރުވެރިކުރުވުމާއި އަންހެނުންނަށް ފުރުސަތުތައް ހޯދައިދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އޭނާ ވިދާޅުވީ އަންހެނަކަށް ކުރާ ކޮންމެ ހިތި ނުވަތަ އުފާވެރި އަސަރެއްގެ ނަތީޖާ އެންމެ ބޮޑަށް ކުރަނީ އެ މީހުންގެ ޅަދަރިންނަށް ކަމަށާއި، އެއީ ގައުމުގެ މުސްތަގުބަލާ ސީދާ ގުޅިފައިވާ ކަމެއް ކަމަށެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ދައުރާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަލައިކާ ވިދާޅުވީ، އެ ކޮމިޓީގެ މައިގަނޑު ބޭނުމަކީ އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެ، އުފާވެރި އަދި ފުދުންތެރި މުޖުތަމައެއް ބިނާކުރުން ކަމަށެވެ. އަދި ގައުމުގެ މުސްތަގުބަލަށް ބޭނުންވަނީ ހެޔޮ އަސަރެއްތޯ ނުވަތަ ހިތްދަތި އަސަރެއްތޯ ނިންމުމުގެ ޒިންމާ އޮތީ މިއަދުގެ ޖީލުގެ އަތްމަތީގައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ގެވެށި އަނިޔާގެ މައްސަލަތަކަށް އިޝާރާތް ކުރައްވައި އަލައިކާ ވިދާޅުވީ، އިގްތިސާދީ ގޮތުން އެހެން މީހުންނަށް ބަރޯސާވާންޖެހޭ އަންހެނުން މިފަދަ އަނިޔާތަކުގެ ޝިކާރައަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންކަމުން އަންހެނުން ބާރުވެރިކުރުވުމަށް ގެންގުޅޭ "ބޯދާ ބައްޓަން" ދޫކޮށްލައި، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ފުދުންތެރި އަންހެން އާބާދީއެއް ބިނާކުރުމަކީ އަމާޒަކަށް ވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖަލްސާ ނިންމަވާލައްވަމުން އަލައިކާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގައުމުގެ އިގްތިސާދު ވަރުގަދަކުރުމަށް ކުރާ މަސައްކަތުގައި އަންހެނުންގެ ދައުރު ބޮޑުކުރަންޖެހޭ ކަމަށެވެ. އަދި ގައުމެއްގެ ހައިބަތާއި އިހުތިރާމް ގުޅިފައިވަނީ އެ ގައުމެއްގެ އިގްތިސާދީ ހާލަތާއި އުފެއްދުންތެރިކަމުގެ މައްޗަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.







