ކުޅުއްދުފުށި ރާއްޖޭގެ ކޮމާޝަލް ކެޕިޓަލްއަށް ހެދުމަކީ އަމާޒެއް: އިބްރާހިމް ހަސަން

ޕީއެންސީގެ ޓިކެޓުގައި ކުޅުއްދުފުށީ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އިބްރާހިމް ހަސަން، އެ ސިޓީއަކީ ރާއްޖޭގެ ވިޔަފާރީގެ މައި މަރުކަޒު ނުވަތަ ކޮމާޝަލް ކެޕިޓަލްއަށް ހެދުމުގެ ތަސައްވުރެއް ގެންގުޅުއްވާކަން ހާމަކުރައްވައިފިއެވެ. ޕީއެންސީން ކުޅުދުއްފުށީގައި ބޭއްވި ކެމްޕެއިން އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިބްރާހިމް ވިދާޅުވީ، އޭނާގެ އަމާޒަކީ ވިޔަފާރިތަކަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދީ، ވަޒީފާގެ ފުރުސަތުތައް އިތުރުކުރުން ކަމަށެވެ.

މިހާރު ލިބިފައިވާ ފުރުސަތަކީ އަމާނާތެއްގެ ގޮތުގައި ސިފަކުރައްވަމުން އިބްރާހިމް ވިދާޅުވީ، އެ އަމާނާތް އަމާން އައްސޭރިއަކަށް ގެންގޮސްދޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ. އަދި ކައުންސިލް އިންތިހާބަށް ނުކުންނަނީ ރައްޔިތުންނަށް ހަގީގީ މަންފާ ހޯދައިދިނުމަށްޓަކައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކުޅުއްދުފުށީގެ ތައުލީމީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިބްރާހިމް ވިދާޅުވީ، ސިޓީގެ ޅަކުދިންނަށް ފަށާ ތައުލީމް ދިނުމަށް އޮތް ޕްލޭ ސްކޫލް ކުޑަވެގެން ގޮސް މިހާރު ކޮޓަރިއަކަށް ބަދަލުވެފައިވާ ކަމަށެވެ. ޖީލެއްގެ ތައުލީމީ ބިންގާ ހަލާކުކޮށްލުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީއެންސީގެ ކައުންސިލެއް އިންތިހާބުކޮށްދީފި ނަމަ، ކައުންސިލްގެ ފުރަތަމަ އަހަރުގެ ތެރޭގައި އާ ޕްލޭ ސްކޫލެއް ގާއިމްކޮށްދޭނެ ކަމަށް އިބްރާހިމް ވައުދުވެވަޑައިގެންނެވިއެވެ. އޭނާ ވިދާޅުވީ ކައުންސިލް ޓީމުގައި ތައުލީމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުން ތިއްބެވުމަކީ ތައުލީމަށް އިސްކަންދޭނެ ކަމުގެ ހެއްކެއް ކަމަށެވެ.

”ސްކޫލްތަކުގެ ޕީޓީއޭއިން އުފުލަމުންދާ ތަކުލީފް އެނގޭ. އަޅުގަނޑުމެންގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރައްވާ ކޮމިޓީގެ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނިފައިވާނެ. މާތްﷲ ގެ ވާގިފުޅާއިއެކު އަޅުގަނޑުމެން މަސައްކަތް ކުރާނީ ކުޅުއްފުށި ސިޓީގެ ތައުލީމީ ނިޒާމް އިތުރު ހަރުފަތަކަށް ގެންގޮސްދިނުމަށް“ އިބްރާހިމް ހަސަން

ކުޅުއްދުފުށީގެ ތަރައްގީގެ ޕްލޭންތަކާއެކު އިބްރާހިމް ހަސަން ނުކުންނަވާއިރު، އޭނާގެ އެންމެ ބޮޑު އެއް އަމާޒަކީ ސިޓީގެ އިގްތިސާދީ ފުދުންތެރިކަން އިތުރުކޮށް، މުޅި ރާއްޖެއަށް ނަމޫނާ ދައްކާފަދަ ވިޔަފާރީގެ މަރުކަޒަކަށް އެ ސިޓީ ބަދަލުކުރުމެވެ.

ހިއްސާ ކުރައްވާ!