ބަނގްލަދޭޝްގެ ޗިޓަގޮންގް ބަނދަރުގެ މަސައްކަތްތައް ހުއްޓުމަކަށް: މުވައްޒަފުން ވަރުގަދަ ހަޅުތާލެއް ފަށައިފި

ބަނގްލަދޭޝްގެ އެންމެ ބޮޑު އެއް ބަނދަރު ކަމަށްވާ ޗިޓަގޮންގް ބަނދަރުގެ އޮޕަރޭޝަންތައް، އެ ބަނދަރުގެ މުވައްޒަފުން ފެށި މުއްދަތެއް ނެތް ހަޅުތާލަކާ ގުޅިގެން މިއަދު އަނެއްކާވެސް ހުއްޓުމަކަށް އަތުވެއްޖެއެވެ.

ދެ ދުވަހުގެ މެދުކެނޑުމަކަށްފަހު އާދީއްތަ ދުވަހުގެ ހެނދުނު 8:00 ގައި މި ހަޅުތާލު އަލުން ފަށާފައިވަނީ، ބަނދަރުގެ "ނިއު މޫރިންގް ކޮންޓެއިނަރ ޓާމިނަލް" (އެން.ސީ.ޓީ) ޔޫ.އޭ.އީގެ ކުންފުންޏެއް ކަމަށްވާ ޑީ.ޕީ ވޯލްޑަށް ކުއްޔަށް ދިނުމަށް ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް އިޙްތިޖާޖު ކުރުމުގެ ގޮތުންނެވެ.

"ޕޯޓް ޕްރޮޓެކްޝަން މޫވްމަންޓް ކައުންސިލް" އިސްވެ އޮވެ ކުރިއަށްގެންދާ މި ހަޅުތާލަކީ، މިދިޔަ ބުރާސްފަތި ދުވަހު ނިމުނު ހަ ދުވަހުގެ ހަޅުތާލަށްފަހު ފެށި ދެވަނަ ފިޔަވައްސެވެ.

މި ހަޅުތާލުގެ ސަބަބުން ބަނދަރުގެ ޖެޓީތަކާއި، ޓާމިނަލްތަކާއި، ކޮންޓެއިނަރ ޑެޕޯތަކުގެ އިތުރުން ބޭރުގައި އަޅާފައިވާ އުޅަނދުތަކުގެ މަސައްކަތްތައް ވެސް ވަނީ މުޅިން ހުއްޓިފައެވެ. ބަނދަރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށާއި ހަމަނުޖެހުމެއް ހިނގިޔަ ނުދިނުމަށްޓަކައި ބަނދަރުގެ މައި ދޮރުތަކުގައި އިތުރު ސަލާމަތީ ބާރުތައް މިހާރު ވަނީ އަތުރާފައެވެ.

ހޮނިހިރު ދުވަހު ޗިޓަގޮންގް ޕްރެސް ކްލަބުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕޯޓް ޕްރޮޓެކްޝަން މޫވްމަންޓް ކައުންސިލްގެ ކޯޑިނޭޓަރު މުޙައްމަދު ހުމަޔޫން ކަބީރު ވިދާޅުވީ، އެން.ސީ.ޓީ ކުއްޔަށް ދިނުމުގެ އެއްބަސްވުން ބާޠިލުކުރަން ޖެހޭ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިއީ ޤައުމީ މަޞްލަޙަތާއި ބަނދަރުގެ މުސްތަޤްބަލާ ސީދާ ގުޅިފައިވާ ކަމެކެވެ.

މީގެ ކުރިން ޖެނުއަރީ 31 އިން ފެބްރުއަރީ 5 އަށް ކުރި ހަޅުތާލުގެ ސަބަބުން ބަނދަރުގެ މަސައްކަތްތަކަށް ބުރޫއަރައި، ބޮޑެތި މާލީ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބަނދަރުގެ އިދާރާތަކުން ބުނެއެވެ.

މިހާރު ބަނދަރުގެ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ މި ހަރަކާތުގައި އިސްކޮށް އުޅޭ 15 މުވައްޒަފަކު ބޭރަށް ދިއުން މަނާކުރުމުގެ އަމުރަކަށް އެދިފައެވެ. އަދި އެ މީހުންގެ ނަންމަތީގައި ހުރި މުދަލާއި ފައިސާގެ މުޢާމަލާތްތައް ތަޙްޤީޤުކޮށްދިނުމަށް ވެސް ކަމާބެހޭ ފަރާތްތަކުގައި ވަނީ އެދިފައެވެ.

 

ހިއްސާ ކުރައްވާ!