ބަނގްލަދޭޝްގެ ތަޢުލީމީ މުއައްސަސާތައް ފަސް ދުވަހަށް ބަންދު

ބަނގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ 13 ވަނަ ޢާއްމު އިންތިޚާބާ ގުޅިގެން، އެޤައުމުގެ ހުރިހާ ތަޢުލީމީ މުއައްސަސާތަކެއް ފަސް ދުވަހަށް ބަންދުކުރުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ބަނގްލަދޭޝް ސަރުކާރުން ނެރުނު ރިޔާސީ އަމުރެއްގައިވާ ގޮތުން، އިންތިޚާބުގެ ކުރީ ދުވަސް ކަމަށްވާ ފެބްރުއަރީ 11 އަދި އިންތިޚާބު އޮންނަ ދުވަސް ކަމުގައިވާ ފެބްރުއަރީ 12 އަކީ ތަޢުލީމީ މުއައްސަސާތަކަށް ބަންދު ދުވަސްތަކެކެވެ. މި ދުވަސްތަކަށްފަހު އަންނަ ފެބްރުއަރީ 13 އަދި 14 އަކީ އެޤައުމުގެ ހަފްތާ ބަންދު ދުވަސްތަކަށް ވުމުން، އެ ދުވަސްތަކުގައިވެސް ކިޔަވައިދިނުން އޮންނާނީ މެދުކަނޑާލާފައެވެ.

މީގެ އިތުރުން، އެޤައުމުގެ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން "ސްރީ ސްރީ ޝިވަރާޓްރީ" މުނާސަބަތާ ގުޅިގެން ފެބްރުއަރީ 15 ވާ ބުރާސްފަތި ދުވަހަކީވެސް ރަސްމީ ބަންދު ދުވަހެކެވެ. މި ނިންމުންތަކާއެކު ދަރިވަރުންނަށާއި މުދައްރިސުންނަށް ޖުމްލަ ފަސް ދުވަހުގެ ޗުއްޓީއެއް ލިބިގެންދާނެއެވެ

އިންތިޚާބާ ގުޅިގެން ސަރުކާރުން ވަނީ ފެބްރުއަރީ 11 އަދި 12 އަކީ ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

އަދި ސިނާޢީ މަސައްކަތްތަކުގައި އުޅޭ މުވައްޒަފުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، ޖެނުއަރީ 25 ގައި ނެރުނު އަމުރެއްގެ ދަށުން ފެބްރުއަރީ 10 ވާ ހޮނިހިރު ދުވަހަކީވެސް އެފަދަ މަސައްކަތްތެރިންނަށް ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.

މި ނިންމުންތަކަކީ އިންތިޚާބުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށާއި، ރައްޔިތުންނަށް ވޯޓުލުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ނިންމާފައިވާ ނިންމުންތަކެކެވެ.

 

ހިއްސާ ކުރައްވާ!