އެމެރިކައިން ކަޅު މީހުުންގެ ފޮތްތައް މަނާކުރުމާއި މިއުޒިއަމްތަކާއި ސަގާފީ ކަންކަން ހަނިކުރުން ފަދަ ފިޔަވަޅުތަކުގެ ޒަރީއާއިން ކަޅު ނަސްލުގެ މީހުންގެ ތާރީޚު ފޮހެލުން "އާންމު ކަމަކަށް" ހަދަމުންދާ ކަމަށް ބުނެ އެމެރިކާއަށް ގާނާގެ ރައީސް ޖޯން ޑްރަމާނީ މަހާމާ، ތުހުމަތު ކުރައްވައިފިއެވެ.
ހުޅަނގު އެފްރިކާގެ ގައުމުގެ ލީޑަރު މިހެން ވިދާޅުވީ، ނިއުޔޯކުގައި ބޭއްވި އިންސާފު ގާއިމުކުރުމަށް ބަދަލު ހޯދައިދިނުމާ ގުޅޭ ރިޕަރޭޓަރީ ޖަސްޓިސް އާ ބެހޭ މަތީ ފަންތީގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވަނީ އެޓްލާންޓިކް ހުރަސްކޮށް ދޮން މީހުން ހިންގި އަޅުންގެ ވިޔަފާރިއަކީ އިންސާނިއްޔަތާ ނަސްލު ނައްތާލުމުގެ ހިލާފު ޖަރީމާއެއްގެ ގޮތުގައި ބަލައިގަތުމަށާއި، ބަދަލު ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އދ. އާއި ދުނިޔޭގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.

"އެމެރިކާގައި… ސްކޫލްތަކުގެ ތާރީޚު ކޯސްތަކުގައި އަޅުވެތިކަމާއި، ނަސްލީ ތަފާތުކުރުންތަކާއި، ނަސްލީ އިމްތިޔާޒުތަކާ ބެހޭގޮތުން ދަރިވަރުންނަށް ކިޔަވައިދިނުން ހުއްޓާލުމަށް ދަނީ އަމުރުކުރަމުން،" މަހާމާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، "އެއްވެސް ސިފައެއްގައި ދައުލަތުގެ ފައިސާއަށް ބަރޯސާވާ" މިއުޒިއަމްތަކާއި، އާޓް ސެންޓަރުތަކާއި، އެހެނިހެން މުއައްސަސާތަކުން ނަސްލީ ހޭލުންތެރިކަމާ ގުޅޭ މައުރަޒުތަކާއި ޕްރޮގްރާމްތައް ބޭއްވުން ނުވަތަ ތަކެތި ދެއްކުން ދަނީ މަނާކުރަމުންނެވެ.
"ބާބަޑޯސްގައި އަޅުންނަށް އަދަބު ދިނުން ކޮންޓްރޯލް ކުރުމަށް ހެދި ގާނޫނާ އެއްފަދައިން، މި ސިޔާސަތުތަކަކީ އެހެން ސަރުކާރުތަކަށް ނަމޫނާއަކަށް ވަމުންދާ ކަންކަން… އެމީހުން ދަނީ މަޑުމަޑުން މި ފޮހެލުންތައް އާންމު ކަމަކަށް ހަދަމުން،" އޭނާ އިންޒާރު ދެއްވިއެވެ.
އަޅުދާސް ކުރުމުގެ ބަދަލު ހޯދުމާ ބެހޭ އދ. ގެ ގަރާރެއް ގާނާއިން ދަނީ ތައްޔާރު ކުރަމުންނެވެ. މަހާމާ އިސްވެ ހުންނަވައިގެން އެފްރިކަން ޔޫނިއަން އާއި ކެރީބިއަން ގައުމުތަކުގެ ފަރާތުން މަސައްކަތް ކުރަނީ، އަޅުދާސްކުރުމާއި އެޓްލާންޓިކް ހުރަސްކޮށް ހިންގި އަޅުންގެ ވިޔަފާރިއަކީ "އިންސާނިއްޔަތާ ހިލާފު އެންމެ ބޮޑު ޖަރީމާ" ކަމަށް ރަސްމީކޮށް ބަލައިގަތުމަށާއި، ބަދަލު ހޯދައިދިނުމުގެ މަރުހަލާއެއް ފެށުމަށް އދ. މެދުވެރިކޮށް ގަރާރެއް ފާސްކުރުމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖެނުއަރީ 2025 ގައި އަލުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ކަޅު ނަސްލުގެ ތާރީޚު ފޮހެލުމަށް ސަގާފީ އަދި ތާރީޚީ މުއައްސަސާތަކަށް ދަނީ އަމާޒުކުރަމުންނެވެ. އޭނާ ވަނީ ފެޑަރަލް އެޖެންސީތަކަށް، ތާރީޚީ ވާހަކަތަކުން "ބައިބައިވުން އުފައްދާ" ކަމަށް ބުނެ "ނުރަނގަޅު" ފިކުރުތައް އެމެރިކަގެ ފޮތްތަކުން އުނިކުރުމަށް އަމުރުކުރައްވާފައެވެ. މީގެ ތެރޭގައި އެމެރިކާ ނުބައި ގޮތަކަށް ސިފަކޮށްދޭ ކަމަށް އޭނާގެ ސަރުކާރުން ބުނާ ކަންކަން ހިމެނެއެވެ.
ލޯވަރ މެންހަޓަންގައި ހުންނަ އެފްރިކަން ބަރިއަލް ގްރައުންޑްގައި މާބޮނޑި ބޭއްވުމުގެ ރަސްމިއްޔާތެއްގައި ދެއްކެވި އެހެން ވާހަކަފުޅެއްގައި މަހާމާ ވިދާޅުވީ، އަޅުދާސް ކުރި ގިނަ އެފްރިކާ މީހުންނަކީ ގާނާ މެދުވެރިކޮށް ނުވަތަ ގާނާއިން އައި މީހުން ކަމަށެވެ. ގާނާއަކީ އެފްރިކާ ބައްރުގެ އެހެން އެއްވެސް ގައުމަކަށްވުރެ ގިނައިން އަޅުން ބޭތިއްބި ކިއްލާތަކާއި ގަނޑުވަރުތައް ހުރި ގައުމެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި އަޅުވެތިކަމަކީ އެތަނުގައި ވަޅުލެވިފައިވާ ގާތްގަނޑަކަށް 20،000 އެފްރިކާ މީހުންގެ "ކަށިތަކުގައި ލިޔެވިފައިވާ" އަނިޔާވެރިކަމެކެވެ. އަދި އެކަން ހަނދާންކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ގޮވާލެއްވިއެވެ.
ލިންކަން ޔުނިވާސިޓީން ވަނީ މަހާމާ ކުރައްވާފައިވާ "ފާހަގަކޮށްލެވޭ ޚިދުމަތްތަކުގެ" އަގުވަޒަންކުރުމުގެ ގޮތުން، މިއަދު ބުރާސްފަތި ދުވަހު އޭނާއަށް ޝަރަފުވެރި ޑޮކްޓަރޭޓް އެވޯޑެއް އެރުވުމަށް ރާވާފައެވެ. މީގެ ތެރޭގައި އިންސާފާއި ހަމަހަމަކަމަށްޓަކައި ދުނިޔޭގެ ފެންވަރުގައި އޭނާ ކުރައްވާ ވަކާލާތު ކުރެްއްވުމުގެ މަސައްކަތް ހިމެނެއެވެ. ނަމަވެސް، އެ ޔުނިވާސިޓީން ވަނީ ޓްރަމްޕްގެ ފިއްތުންތަކާ ހެދި ބިރުން ދިމާވި ކުއްލި ސަބަބުތަކަކާ ހުރެ ކަމަށް ބުނެ އެންމެ ފަހު ވަގުތު އެ ހަފްލާ ކެންސަލްކޮށްފައެވެ!





