އިންޑިއާ އާއި ތައިވާނާ ދެމެދު ކުރެވޭ ދޭދޭ ވިޔަފާރީގެ މުއާމަލާތްތައް 2025 ވަނަ އަހަރު 12.5 ބިލިއަން އެމެރިކާ ޑޮލަރަށް އަރައި، ރެކޯޑް މިންވަރަކަށް އިތުރުވެއްޖެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 17 އިންސައްތައިގެ ކުރިއެރުމެކެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރު އިންޑިއާއިން ތައިވާނަށް 3.3 ބިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓްކޮށްފައިވެއެވެ. އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އެލުމިނިއަމް، ދަގަނޑު، އޯގަނިކް ކެމިކަލް އަދި ޕްލާސްޓިކްގެ ބާވަތްތަކެވެ. ހަމައެއާއެކު، ތައިވާނުން އިންޑިއާއަށް 9.2 ބިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، މީގެ ތެރޭގައި އިލެކްޓްރޯނިކް އިންޓަގްރޭޓެޑް ސާކިޓްތަކާއި، އިލެކްޓްރިކަލް މެޝިނަރީ އަދި ޕްލާސްޓިކް ހިމެނެއެވެ.

ނިއުދިއްލީގައި ބޭއްވި 'ތައިވާން އެކްސެލެންސް އެކްސްޕޯ' ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓީއީސީސީގެ އިކޮނޮމިކް ޑިވިޜަންގެ ޑައިރެކްޓަރު އެސްޓެލާ ޗެން ވިދާޅުވީ، "ސެމީކޮންޑަކްޓަރ، އޭއައި ސާވަރ އަދި އެޖް ކޮމްޕިއުޓިން ފަދަ ދާއިރާތަކުން ތައިވާނަކީ ދުނިޔޭގައި ފާހަގަކޮށްލެވޭ ގައުމެއް" ކަމަށެވެ. އަދި ތައިވާނުގެ ކުންފުނިތަކުން އިންޑިއާގެ އިލެކްޓްރޯނިކްސް އުފެއްދުމާއި، އޮޓޯމޯޓިވް ދާއިރާގައި އިންވެސްޓް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އިންޑިއާގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އާއި ސްމާޓް މެނުފެކްޗަރިންއަށް އޮތް ބޭނުންތެރިކަން އިތުރުވަމުންދާއިރު، ތައިވާނަކީ އިންޑިއާގެ 'ޑިޖިޓަލް އިންޑިއާ' އަދި 'އިންޑިއާ އޭއައި މިޝަން' ފަދަ މަޝްރޫއުތަކުގައި އިތުބާރު ހުރި ބައިވެރިއެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށް ޗެން ވިދާޅުވިއެވެ. މިހާރުވެސް އިންޑިއާގައި ތައިވާނުގެ 300 އަށްވުރެ ގިނަ ކުންފުނި ހަރަކާތްތެރިވަމުންދެއެވެ.
ވިޔަފާރީގެ ގުޅުން ރަނގަޅުވަމުން އައި ނަމަވެސް، އެމެރިކާ (246.43 ބިލިއަން ޑޮލަރު) އަދި ޗައިނާ (100.1 ބިލިއަން ޑޮލަރު) ފަދަ ގައުމުތަކާއެކު ތައިވާނުން ކުރާ ވިޔަފާރިއާ އަޅާބަލާއިރު، އިންޑިއާއާއެކު އޮތް ވިޔަފާރީގެ މިންވަރު އަދިވެސް ކުޑަކަން ފާހަގަކުރެވެއެވެ. ނަމަވެސް 2018 ވަނަ އަހަރު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން، ދެ ގައުމުގެ ދެމެދުގައި ވިޔަފާރި ފުޅާކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ.




