ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައިފި

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، މާލޭގެ އުތުރު ފަރާތު މަސް މާރުކޭޓު ސަރަހައްދުގައި ކުރިއަށްދާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާދިއްތަ ދުވަހު ބައްލަވާލައްވައިފިއެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުުއްތަލިބު ބައިވެރިވެވަޑައިގެންނެވިއެވެ. މިނިސްޓަރު ވަނީ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ތަފްސީލީ މައުލޫމާތު ރައީސަށް އަރުވާފައެވެ.

ބޮޑުތަކުރުފާނު މަގުގެ ދެ ވަނަ ސެގްމެންޓުގައި ހަދާނީ ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށްވާ ސަރަހައްދެވެ. އަދި ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މަގު ފުޅާކޮށް، ތާރު އެޅުމުގެ މަސައްކަތް ރަމަޟާން މަހުގެ ކުރިން ނިންމެވުމަށެވެ. މި މަސައްކަތުގެ ދަށުން މަގު ފުޅާކޮށް، ތާރު އަޅައި، ޒަމާނީ ފެންހިންދާ ނިޒާމުތަކާއެކު އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޓްރެފިކް ތޮއްޖެހުން ކުޑަކޮށް، ދުއްވާ އެއްޗެއްސާއި ހިނގާ މީހުންނަށް އަމާން މާހައުލެއް ގާއިމުކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

9 އޭޕްރިލް 2025 ގައި އެމް.ޓީ.ސީ.ސީ. އާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ، މި މަޝްރޫއަކީ ޒަމާނީ ފެންވަރަށް، ގިނަ ލޭންތަކެއް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ތަރައްގީކުރި ފުރަތަމަ ބައި މިދިޔަ ޑިސެމްބަރު މަހު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.

ބޮޑުތަކުރުފާނު މަގު އަލުން ތަރައްގީކުރުމަކީ މާލޭގެ އިންފްރާސްޓްރަކްޗަރ ޒަމާނީކޮށް، މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މުހިންމު ބައެއްގެ ގޮތުގައެވެ.

ހިއްސާ ކުރައްވާ!