އީރާނުގެ މަސްރަހާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ސިއްރު ޚާއްސަ ބައްދަލުވުމެއް މިއަދު ބޭއްވުމަށް ތާވަލުކޮށްފިއެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ނިއުޔޯކް ގަޑިން މިރޭ މާލޭ ގަޑިން 7 ޖަހާއިރުއެވެ.
އެސޯސިއޭޓެޑް ޕްރެސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ބައްދަލުވުން ބޭއްވުމަށް އެދިފައިވަނީ ރަޝިޔާއިންނެވެ. ރަޝިޔާއިން މި ބައްދަލުވުމަށް އެދުނީ އެމެރިކާ އާއި އިސްރާއީލުން އީރާނުގެ މަދަނީ އިންފްރާސްޓްރަކްޗާތަކަށް ދެމުންދާ ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ކަމަށް އދ. ގެ ދެ ޑިޕްލޮމޭޓަކު ވިދާޅުވި ކަމަށް އެ އެޖެންސީން ރިޕޯޓްކުރެއެވެ.
މިވަގުތު ސަލާމަތީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަމުންދާ އެމެރިކާއިން ވަނީ މި ބައްދަލުވުން ބޭއްވުމަށް ތާވަލުކޮށްފައެވެ. މި ބައްދަލުވުމަކީ މަޝްވަރާ ބައްދަލުވުމަކަށް ވުމާއެކު، މީޑިއާތައަށް މި ބައްދަލުވުމުގައި ބައިވެރިއެއް ނުވެވޭނެއެވެ. ނަމަވެސް ބައްދަލުވުމަށްފަހު ބައެއް ގައުމުތަކުން ބަޔާންތައް ނެރޭނެ އެވެ.







