އެމެރިކއިން ހިންގަނީ ހަނގުރާމައިގެ ޖަރީމާތަކެއް: އަރާގްޗީ

ޒަޔަނިސްޓުންނާއި ސޮލީބީން އީރާންގެ މީނާބް ސްކޫލަށް ދިން ޖެނޮސައިޑް ހަމަލާ ކުށްވެރިކުރައްވައި، އެއީ އެމެރިކާއިން "ރޭވުންތެރިކަމާއެކު ދިން ހަމަލާއެއް" ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ މިއަދު ވިދާޅުވެއްޖެއެވެ.

ފެބްރުއަރީ 28 ގައި ދިން މި ހަމަލާއާ ގުޅިގެން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގައި ބޭއްވި ކުއްލި ބަހުސެއްގައި ވީޑިއޯ މެދުވެރިކޮށް ވާހަކަދައްކަވަމުން އަރާގްޗީ ވިދާޅުވީ، މިއީ "ހަނގުރާމައިގެ ޖަރީމާއެއް އަދި އިންސާނިއްޔަތާ ހިލާފު ޖަރީމާއެއް" ކަމަށެވެ.

މިއީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައަށް 28 ދުވަސް ފުރުނު ދުވަހެވެ. މި ކުރިމަތިލުންތައް ފެށުނީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން ދޭން ފެށި ބައިނަލްއަގްވާމީ ގާނޫނާ ޚިލާފް ޓެރަރިސްޓް ހަމަލާތަކެއްގައި، އީރާނުގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީ އާއި އެ ގައުމުގެ އިސް ބައެއް އޮފިޝަލުން އަވަހާރަކޮށްލުމާ ގުޅިގެންނެވެ.

މީގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ވަނީ އިސްރާއީލަށާއި ގަލްފުގެ އަރަބިން ގެންގުޅޭ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީ، މުހިންމު ހުރުމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. މީގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބޮޑު ކާރިސާއެއް ވަނީ ކުރިމަތިވެފައެވެ.

އަރާގްޗީ ވިދާޅުވީ، އީރާނުގެ ދެކުނުގައި އޮންނަ މީނާބް ސިޓީގެ ޕްރައިމަރީ ސްކޫލަށް ދިން މި ހަމަލާގައި "175 އަށްވުރެ ގިނަ ދަރިވަރުންނާއި މުދައްރިސުން ވަނީ ރަހުމެއް ނެތް ގޮތުގައި ގަތުލުކޮށްލާފައި" ކަމަށެވެ.

ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ އެމެރިކާ ސިފައިންގެ ތަހުގީގަކުން ދައްކާ ގޮތުގައި، އެ ސްކޫލަށް އަރާފައިވަނީ އެމެރިކާގެ 'ޓޮމަހޯކް ކްރޫޒް' މިސައިލެކެވެ.

ހިއްސާ ކުރައްވާ!