އެމެރިކާއަށް އީރާނުގެ ޑްރޯންތަކުގެ ހަމަލާއެއް އަތުވެދާނެ ކަމުގެ އިންޒާރު 'ފޮރިން ޕޮލިސީ' މަޖައްލާއިން ދީފި އެވެ. އެމަޖައްލާއިން ބުނަނީ އެމެރިކާގެ ޓެރަރިސްޓް ހަމަލަތަކުގެ ތެރެއިން، އީރާނުގެ 'ޝަހީދު-136′ ފަދަ އަގުހެޔޮ ޑްރޯންތައް ބޭނުންކޮށްގެން އެމެރިކާއަށް ރައްދު ހަމަލާ ދިނުމުގެ ގާބިލުކަން އީރާނަށް ލިބިފައިވާ ކަމަށެވެ.
މާހިރުން ފާހަގަކުރާ ގޮތުގައި، އެމެރިކާ ނުވަތަ އެނޫން އެއްވެސް ގައުމަކީ އީރާނުގެ މިފަދަ ޑްރޯންތަކުން ރައްކާތެރިވެފައިވާ ގައުމެއް ނޫނެވެ. ގާތްގަނޑަކަށް 20،000 އާއި 35،000 ޑޮލަރާ ދެމެދުގެ އަގުގައި އުފައްދާ މި ޑްރޯންތަކަކީ ކަނޑުމަތީގެ އުޅަނދުފަހަރުން ފޮނުވާލެވޭ، އަދި އެއްފަހަރާ ގިނަ އަދަދަކަށް ބޭނުންކޮށްގެން ވައިގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދުތަކެކެވެ.
2026 ވަނަ އަހަރުގެ ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ޓެރަރިސްޓް ހަމަލާދޭން ފެށުމާއެކު އީރާނުން ވަނީ ދިފާއީ ރައްދު ހަމަލަތައް ދޭންފަށާފައެވެ. އޭގެ ފަހުން އީރާނުން ދެމުންދާ ޑްރޯން ހަމަލާތަކުގައި އެމެރިކާގެ 230 އަށްވުރެ ގިނަ ސިފައިންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، ކުވެއިތު، ބަހްރޭން، ޔޫއޭއީ އަދި ސައުދީ އަރަބިއްޔާގައި ހުރި އެމެރިކާގެ އެމްބަސީތަކާއި އަސްކަރީ މަރުކަޒުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލާފައެވެ.
އެމެރިކާގެ އެފްބީއައި އިން މިމަހުގެ ކުރީކޮޅު ކެލިފޯނިއާގެ ކަމާބެހޭ ފަރާތްތަކަށް ދީފައިވާ އިންޒާރެއްގައި ބުނެފައިވަނީ، އެމެރިކާގެ ހުޅަނގު އައްސޭރީގެ ކަނޑުގެ ސަރަހައްދުގައިވާ އުޅަނދުފަހަރުން ޑްރޯން ހަމަލާއެއް އައިސްފާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މިއާއެކު އެމެރިކާގެ ބައްރުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ އެގައުމުގެ އަސްކަރީ ޕެރޭޑެއްގެ ފޮޓޯތަކާއެކު، ހުޅަނގުގެ މީޑިއާއިން ފާޅުކުރާ ކަންބޮޑުވުންތަކަކީ އީރާނުގެ ބާރު ދައްކުވައިދޭ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ. އީރާނުން ބުނާ ގޮތުގައި "އެއްވެސް ގައުމަކީ މިފަދަ ހަތިޔާރުތަކުން ސަލާމަތްވެވޭނެ ގައުމެއް ނޫނެވެ."
އީރާނުގެ ބިމުން ސީދާ އެމެރިކާއަށް ހަމަލާދިނުމަކީ ފަންނީ ގޮތުން އުނދަގޫ ކަމެކެވެ. ނަމަވެސް، އެމެރިކާގެ އައްސޭރިފަށާ ކައިރިން ނުވަތަ އެހެން ބައެއްގެ އެހީތެރިކަމާއެކު އެފަދަ ހަމަލައެއް މިފައްތަރުގައި ކާމިޔާބު ކަމާއެކު ދިނުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން، މިފަދަ 'އެސިމެޓްރިކް' ހަނގުރާމައިގެ އުކުޅުތަކަށް ތައްޔާރުވުމަކީ އެމެރިކާއަށް މިއަދު މަޖުބޫރު ކަމެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.








