އެމެރިކާއާއި އިޒްރޭލުގެ ހަމަލާތަކާއެކުވެސް ހުރުމުޒް ކަނޑުއޮޅީގެ ބަރުވެރިއަކީ އީރާން: ސީއެންއެން

އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފަށާފައިވާ ޓެރަރިސްޓް ހަމަލަތަކަށް 4 ހަފުތާ ވެފައިވާއިރު، ދުނިޔޭގެ ހަކަތައިގެ މައި ދޮރާށި ކަމަށްވާ ހުރުމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އީރާނުން އަދިވެސް ދަމަހައްޓަމުންދާ ކަމަށް ސީއެންއެންގެ ތަހުލީލެއްގައި ހާމަކޮށްފިއެވެ. އީރާނުގެ ދިގު އައްސޭރިފަށާއި، އެ ގައުމުގެ ކަނޑުގެ އަސްކަރީ ގާބިލުކަމުގެ ސަބަބުން މި ސަރަހައްދުގައި އީރާނަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ރިޕޯޓްގައި ބުނެއެވެ.

ދުނިޔޭގައި ބޭނުންކުރާ ތެލާއި ގޭހުގެ ގާތްގަނޑަކަށް 20 އިންސައްތަ ދަތުރުކުރާ މި ކަނޑުއޮޅިއަކީ އެންމެ ހަނި ސަރަހައްދުގައި އެންމެ 21އާއި 24 މޭލު ހުންނަ ކުޑަ މަގެކެވެ. އާންމު ހާލަތްތަކުގައި ދުވާލަކު 15 އާއި 21 މިލިއަނާ ދެމެދުގެ އަދަދަކަށް ތެޔޮ ފީފާ މި މަގުން އުފުލައެވެ. ނަމަވެސް، މާޗް 2026 އިން ފެށިގެން އީރާނުން މި ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން، ވިޔަފާރި އުޅަނދުފަހަރުގެ ދަތުރުފަތުރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ސީއެންއެންއިން ހާމަކުރި ގޮތުގައި، ޕާޝިއަން ގަލްފްގައި އޮންނަ އީރާނުގެ 1,000 މޭލުގެ އައްސޭރިފަށާއި، ކަނޑު އަޑީގެ މައިންތަކާއި، މިސައިލާއި، ޑްރޯން އަދި ހަލުވި ހަމަލާދޭ ބޯޓުފަހަރު ބޭނުންކޮށްގެން އީރާނުން ވަނީ ވަރުގަދަ "ކިލް ޒޯން" އެއް އުފައްދާފައެވެ. "މައިންތަކާއި، މިސައިލްތަކާއި، ޑްރޯންތަކުގެ ސަބަބުން އީރާނަށް އަދިވެސް މި ސަރަހައްދުގައި ބޮޑު ބާރެއް އެބައޮތް،" ކަމަށް ސީއެންއެންގެ ތަހުލީލުގައި ބުނެފައިވެއެވެ.

ސޮލީބީ ސަހުޔޫނީ ޓެރަރިސްޓް ހަމަލަތަކަށް ފަހު އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އިން ވަނީ 20 އަށްވުރެ ގިނަ ވިޔަފާރި އުޅަނދަށް ހަމަލާދީ ނުވަތަ ހުރަސްއަޅާފައެވެ. މީގެ ސަބަބުން 2,000 އެއްހާ އުޅަނދު ޕާޝިއަން ގަލްފް ތެރޭގައި ތާށިވެފައިވާއިރު، ގިނަ އުޅަނދުތަކެއް ދަނީ އެފްރިކާ ވަށާލާފައި ދިގު މަގަކުން ދަތުރު ކުރަމުންނެވެ. މީގެ ކުރިން ދުވާލަކު 130 އެއްހާ އުޅަނދު ދަތުރުކުރި ނަމަވެސް، މިހާރު އެ އަދަދު ވަނީ 95 އިންސައްތަ ދަށަށް ގޮސްފައެވެ.

އީރާނުން ދަނީ އެ ގައުމާ ރައްޓެހި ގައުމުތަކުގެ އުޅަނދުފަހަރަށް، ބޮޑު ފީއެއް ނެގުމަށްފަހު "ރައްކާތެރި ދަތުރުފަތުރު" ހުއްދަ ކުރަމުންނެވެ. ނަމަވެސް އެމެރިކާ ނުވަތަ އިޒްރޭލާ ގުޅުންހުރި އުޅަނދުތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އައިއާރުޖީސީން ދަނީ ދެމުންނެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

މީގެ އިތުރުން، އެމެރިކާއިން ހަމަލާތައް ވަރުގަދަކޮށްފިނަމަ، ގަލްފުގެ އެހެން ގައުމުތަކުގެ ހަކަތައާއި ފެން އުފައްދާ ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރުވެސް އީރާނުން ވަނީ ދީފައެވެ.

ހިއްސާ ކުރައްވާ!