އެމެރިކާގެ ބޭހަކަށް އީރާނުން ދިން ހަމަލާއެއްގައި ކުލީ ސިފައިންގެ 21 މީހަކު މަރުވެ އެމެރިކާ ސިފައިން ޒަޚަމްވެއްޖެ

ސައުދީ އަރަބިއްޔާގައި ހުންނަ ޕްރިންސް ސުލްތާން އެއާ ބޭސްއަށް އީރާނުން ދިން ވަރުގަދަ ހަމަލާއެއްގައި އެމެރިކާ ސިފައިންގެ 15 މީހަކު ޒަޚަމްވެ، އެ ތަނުގައި ތިބި ޔުކްރެއިންގެ 21 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފެށި ޓެރަރިސްޓް ހަމަލަތަކަށް މަހެއް ފުރުނުތަނާ ދިން މި ހަމަލާއަކީ އީރާނުން ދެމުންދާ ބަދަލުހިފުމުގެ ހަމަލާތަކުގެ ތެރެއިން ހަމަލާއެކެވެ.

އީރާނުގެ އަސްކަރީ މަރުކަޒު، ޚާތަމުލްއަންބިޔާއިން ހާމަކުރި ގޮތުގައި، މި ހަމަލާ އަމާޒުކޮށްފައިވަނީ އެމެރިކާ ސިފައިންނަށް އެހީތެރިވުމަށްޓަކައި ޔުކްރެއިންގެ ޑްރޯން ދިފާއީ ނިޒާމުތައް ރައްކާކޮށްފައި ހުރި ގުދަނަކަށެވެ. އެ ގުދަނުގައި ތިބި ޔުކްރެއިންގެ ކުލީ ސިފައިންގެ 21 މީހުން މި ހަމަލާގައި މަރުވެފައިވާ ކަމަށް އީރާނުން ވަނީ ބުނެފައެވެ.

އެސޯސިއޭޓެޑް ޕްރެސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާގައި އީރާނުން ވަނީ މަދުވެގެން 6 ބެލިސްޓިކް މިސައިލާއި 29 ޑްރޯން ބޭނުންކޮށްފައެވެ. މި ހަމަލާގައި ޒަޚަމްވި އެމެރިކާ ސިފައިންގެ ތެރެއިން ފަސް މީހެއްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ. ވޯލް ސްޓްރީޓް ޖާނަލްއިން ބުނި ގޮތުގައި ސިފައިން ޒަޚަމްވީ ބޭސްގެ ތެރޭގައި ހުރި އިމާރާތަކަށް ހަމަލާ އެރި ވަގުތު އެތަނުގެ ތެރޭގައި ތިއްބައެވެ.

އީރާނުގެ މަރުކަޒީ އަސްކަރީ މަރުކަޒުގެ ތަރުޖަމާނު އިބްރާހިމް ޒުލްފަގާރީ ވިދާޅުވި ގޮތުގައި، މި ހަމަލާގައި ތެޔޮ އަޅައިދޭ މަތިންދާބޯޓެއް މުޅިން ސުންނާފަތިވެފައިވާ އިރު، އިތުރު ތިން ބޯޓަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ބޭނުންނުކުރެވޭ ވަރު ވަނީ ވެފައެވެ. އީރާނުގެ ޕްރެސް ޓީވީން އާންމުކުރި ސެޓެލައިޓް ފޮޓޯތަކުން ވެސް ބޭހަށް ލިބިފައިވާ ބޮޑެތި ގެއްލުންތައް ފެނެއެވެ.

ރިޔާޟާ ގާތްގަނޑަކަށް 96 ކިލޯމީޓަރު ދުރުގައި އޮންނަ މި އެއާ ބޭހަކީ ސައުދީ ރޯޔަލް އެއާ ފޯސްގެ ބޭހެކެވެ. ނަމަވެސް، އެމެރިކާ ސިފައިން ވެސް އެތަން ބޭނުންކުރެއެވެ. އީރާނުން ބުނަމުންދަނީ އެމެރިކާއިން އީރާނަށް ހަމަލާދިނުމަށް ގަލްފުގެ ގައުމުތަކުގެ ބިން ބޭނުންކުރާ ނަމަ، އެ ގައުމުތަކަށް ވެސް ހަމަލާދޭނެ ކަމަށެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދޭން ފެށި ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން މިހާރު ޔަމަނުގެ ހޫތީން ވެސް ވަނީ މި ހަނގުރާމައިގައި އީރާނަށް ތާއީދުކޮށް، ހަމަލާދިނުމަށް ތައްޔާރަށް ތިބި ކަމުގެ އިންޒާރު ދީފައެވެ.

ހިއްސާ ކުރައްވާ!